އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ ނައިބު ރައީސް މުހައްމަދު އަރީބް، ކައުންސިލަރު މުހައްމަދު ޒާހިރުހަސަން، ކައުންސިލަރު ފާތިމަތު ޝަނީޒާ އަދި ކައުންސިލަރު ހަލީމަތު ސުމާ، ދެވަނަ ދައުރަކަށް ކުރިމަތިލުމަށް ވެރިކަންކުރާ ޕީއެންސީގެ ޓިކެޓަށް ވާދަކުރާނެކަން އިއުލާންކޮށްފިއެވެ. މީގެއިތުރުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ދެވަނަ ދައުރަކަށް ކުރިމަތިލާން ނިންމާފައިވާއިރު ކައުންސިލަރު އަހްމަދު ރިޟްވާން ވަނީ 3 ވަނަ ދައުރަކަށް ވާދަކުރާނެކަން އިއުލާންކޮށްފައެވެ.
މިއާއިއެކު ކައުންސިލަރު ޝިފާޒާ ފިޔަވާ އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ ހުރިހާ ކައުންސިލަރުންވެސް، އަންނަ ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ޕީއެންސީ ޓިކެޓަށް ވާދަކުރާނެކަން މިވަނީ ކަށަވަރުވެފައެވެ. މިހުރިހާ ކައުންސިލަރުންވެސް އިންތިހާބު ކާމިޔާބުކުރީ ޕީޕީއެމް ޓިކެޓްގައި ވާދަކޮށްގެންނެވެ. އިލެކްޝަންސް ކޮމިޝަނުގެ ރެކޯޑްތަކަށް ބަލާއިރު، ކައުންސިލަރު އަހްމަދު ރިޟްވާން ފިޔަވާ ހުރިހާ ކައުންސިލަރުންވެސް މިހާރުވަނީ ވެރިކަންކުރާ ޕީއެންސީ އަށް ބަދަލުވެފައެވެ. އިލެކްޝަންސް ކޮމިޝަނުން ޕީޕީއެން އުވާލުމާއިކު، ކައުންސިލަރު ރިޟްވާން މިވަގުތު އެއްވެސް ޕާޓީއެއްގެ ދަފުތަރަކުނެތެވެ. ނަމަވެސް ރިޟްވާންވެސްވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް، ޕީއެންސީ ޓިކެޓަށް ވަދަކުރާނެކަން އިއުލާންކޮށްފައެވެ.
އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ ކައުންސިލަރުންގެ ތެރޭގައި ހިމެނޭ ހަމައެކަނި އެމްޑީޕީ ކައުންސިލަރު، މަރިޔަމް ޝިފާޒާވަނީ ދެވަނަ ދައުރަކަށް ކުރިމަތި ނުލާނެކަން އިއުލާންކޮށްފައެވެ. ޝިފާޒާ އެގޮތަށް ނިންމާފައިވަނީ، އިންތިހާބަށް ކުރިމަތިލުމަކީ އެމްޑީޕީ އިހަވަންދޫ ލީޑާޝިޕުން ރުހޭ ކަމެއްނޫންކަން އެބޭފުޅުންގެ ބަހުން ވަރަށް ރަނގަޅަށް މިހާރު ސާފުވެފައިވާކަމަށް ބުނެއެވެ.
ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ބަންދުވާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ބާއްވާ ޕްރައިމަރީގެ ވޯޓްލުން އޮންނާނީ މިމަހުގެ 27 ވާ ހޮނިހިރު ދުވަހުއެވެ. 2026 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރުދުވަހުއެވެ.