ޕީއެންސީ ޕްރައިމަރީގައި ވާދަކުރާ ބައެއް ފަރާތްތަކުގެ ނަންނަގަން އެދެނީ!

މުޙައްމަދު އަކުރަމް

ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ކައުންސިލަށް ވާދަކުރުމަށް، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރާ ބައެއް ފަރާތްތަކުގެ ނަން ނެގުމަށް އެދެން ފަށައިފިއެވެ. އެގޮތުން ޕީއެންސީ ލީޑާޝިޕްގެ އިސް ބައެއް ބޭފުޅުން، އަދި އެކްޓިވިސްޓުން ބައެއް ކެނޑިޑޭޓުންނާއި ގުޅައި/ބައްދަލުކޮށް ޕްރިމަރީއިން ނަންނަގައި ފަހަތަށްޖެހުމަށް އެދުމުން ދާކަން މިނޫހަށްވަނީ ޔަޤީންކުރެވިފައެވެ.
މިނޫހަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އިހަވަންދޫ ކައުންސިލްގެ ރައީސްކަމަށް ޕީއެންސީ ޓިކެޓް ހޯދުމަށް މަސައްކަތްކުރަނީ، އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ ރައީސް އަހްމަދު ސޮބާހް އަދި އާމިނާދިޔޯ ސިއްޙީމަރުކަޒަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ހުންނަވާ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލީ ރައްޒާންއެވެ. ކައުންސިލް މެމްބަރުންގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ 2 ސްލޮޓަށް ވާދަކުރަނީ 3 ވަނަ ދައުރުގެ ކައުންސިލަރުން ކަމަށްވާ ހަލީމަތު ސުމާ އަދި ފާތިމަތު ޝަނީޒާގެ އިތުރުން މަރްޔަމް ތަހުމީނާ އަދި ހިދާޔަތުއެވެ. ކައުންސިލް މެމްބަރުކަމަށް ވާދަކުރަނީ 3 ވަނަ ދައުރުގެ ކައުންސިލަރުން ކަމަށްވާ މުހައްމަދު ޒާހިރުހަސަން، މުހައްމަދު އަރީބް އަދި އަހްމަދު ރިޟްވާންގެ އިތުރުން މުހައްމަދު ފިރާޤު، ޙަސަން ވަހީދު އަދި ނައުފަލް އިބްރާހިމްއެވެ.

ބައެއް ކެނޑިޑޭޓުން މިނޫހަށް ޔަޤީން ކޮށްދީފައިވާގޮތުގައި ނަންނެގުމަށްއެދި ލީޑާޝިޕްގެ ބައެއް ފަރާތްތަކުން އެދެމުންދާތީ، ނަންނެގުމަށް އެކެނޑިޑޭޓުން މިހާރުވަނީ ނިންމާފައެވެ. ނަމަވެސް ބައެއް އެނޑިޑޭޓުންބުނީ ނަންނެގުމަކީ ޑިމޮކްރެޓިކް ގޮތަކަށް ނުވާތީ އަދި އެފަރާތްތަކަށް ސަޕޯޓްކުރާ ފަރާތްތަކަށްވެސްވެވޭ ބޭއިންސާފަކަށްވާތީ ނަންނުނަގާނެކަމުގައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ބައެއް ކެނޑިޑޭޓުންނަށްވަނީ ކުރިމަތިނުލާނަމަ “ރަނގަޅު ގޮތްތައް” ހުށަހަޅައިފައެވެ.

މިނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޕީއެންސީގެ ޓިކެޓްގައި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރަނީ މަޔަމް ރިފްދާ، އާމިނަތު ނުޒުހަތު، މުނީޒާ އާދަމް، މަރިޔަމް ޝަހީރާ އަދި ޔަޝްފާ އަހްމަދުއެވެ. އޭގެތެރެއިން ނުޒުހަތު ވާދަކުރަނީ ރައީސާގެ މަޤާމަށެވެ.