ކުރިޔަށްއޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރާނެކަން، މުހައްމަދު ފިރާގު، އަދި މުހައްމަދު ވިޝާހު އިއުލާންކޮށްފިއެވެ. ފިރާގު އަދި ޝާހު އަމިއްލަގޮތުން ކުރިމަތިލާނެކަން އިއުލާން ކޮށްފައިމިވަނީ،ކައުންސިލްގެ ރައީސް ކަމަށް އަމިއްލަ ގޮތުން ކުރިމަތި ލައްވާނެކަން، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އަހްމަދު ސޮބާހް ވިދާޅުވީ، ޕީއެންސީއަށް އަދި ސަރުކާރަށް ސަޕޯޓްކުރާ ފަރާތްތަކާއި އެބޭފުޅާއަށް ސަޕޯޓްކުރާ ފާރާތްތަކާއި މަޝްވަރާކުރެވި، ޓީމެއް މިހާރު އެކުލަވާލެވިފާ ކަމުގައެވެ. އަދި ސޮބާހްވަނީ އެކަން ވަރަށް އަވަހަށް ރައްޔިތުންނާއި ހަމަޔަށް އާންމު ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ބެލެވޭގޮތުގައި ފިރާގު އަދި ޝާހް ކުރިމަތިލަނީ ސޮބާހްގެ ޓީމްގެ ތެރެއިންނެވެ.
ސޮބާހް ފަދައިން ފިރާޤަކީވެސް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި ފަރާތެކެވެ. ނަމަވެސް ސޮބާހް ފަދައިން ފިރާގުގެވެސް ޝަރުތުހަމަނުވާކަމަށް ޕީއެންސީއިން ވަނީ ނިންމާފައެވެ. ވިޝާހްވަނީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގެ ވާދަކޮށްފައެވެ. ނަމަވެސް 681 ވޯޓު ހޯދިނަމަވެސް އިންތިހާބުވެފައެއް ނުވެއެވެ.
ޕީއެންސީ ޕްރައިމަރީގައި ވާދަކުރި ބައެއް ކެނޑިޑޭޓުން ޝަރުތުހަމަނުވާކަމަށް ނިންމައި، ވަކި ކެނޑިޑޭޓުންތަކަކަށް ޕްރައިމެރީއަކާއިނުލާ ޓިކެޓް ދީފައިވާ މައްސަލަވަނީ ބޮޑުވެފައެވެ. އެގޮތުން ޕީއެންސީގެ ޕްރައިމެރީގެ ކަންކަން ހުދުމުހުތާރު ގޮތަކަށް ނިންމާފައިވާތީ ގިނަބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.