ސޮއިކޮށްފައިވާ ބައެއް މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކާ ހުރެ – ރައީސް

.

ސަރުކާރުން ރަށްތަކުގައި ކުރިޔަށް ގެންދަން ނިންމާ މިހާރު ވެސް ސޮއިކޮށްފައިވާ ބައެއް މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކާ ހުރެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުންނެވެ. ކައުންސިލް އިންތިހާބުގެ ބޯމަތިވެފައި ވަނިކޮށް ބޭއްވި އެ ޖަލްސާގައި ބައެއް ކައުންސިލްތަކަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ރަށްރަށުގައި ހިންގަން ނިންމާފާއިވާ ތަރައްގީގެ މަޝްރޫއުތައް ކައުންސިލްތަކާއި ހެދި ނުފެށިގެން އުޅޭކަމަށެވެ.  ކޮންމެ ރަށެއްގެ ތަރައްގީ އަށް ވެސް ސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގައި ބުރަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި އެކަމަކު އެ ކަންކަމަށް ބުރަކި ޖައްސައި ހުރަސް އަޅާނެ ބަޔަކު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހޮވުމަކީ ވިސްނުންތެރި ގޮތެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

” އަޅުގަނޑު ބަލަން އެކިއެކި މަޝްރޫއުތައް އެކިއެކި ދާއިރާތަކުގައި ހިންގުމަށް ދިމާވާ ދަތިތައް. މިއަދުވެސް އަޅުގަނޑު ބަލާލިއިރު، އަޅުގަނޑު އަތަށް އެރި ލިސްޓެއްގައި އެތައް ރަށެއްގައި މީގެ ދެ މަސް ނުވަތަ ތިން މަސް ކުރިން ސޮއިކޮށްފައި ހުރި ބައެއް މަޝްރޫއުތައް ފަށައިނުގަނެވިގެން އުޅެނީ ކީއްވެތޯ ބަލާއި އިރު ބިން ހަވާލުނުކޮށްގެން. ކައުންސިލުން ބިން ހަވާލު ކުރަނީ،” ކައުންސިލްތަކާއި ހެދި މަޝްރޫއުތައް ނުހިންގޭކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.

“ކޮން ބަޔަކަށްތޯ ގެއްލުން މިވަނީ؟ އެ ރަށުގެ ރައްޔިތުންނަށް. އަޅުގަނޑުމެން ބޭނުމެއް ނޫން އެހެން ވާކަށް. އެކަން ރިޕީޓުވާކަށް، ކޮންޓިއުވާކަށް ދެވަނަ ފަހަރަކަށް. ރައްޔިތުންގެ އަތްޕުޅަށް މި އަންނަނީ އެ އިހުތިޔާރާއި ބާރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި،” ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އިޝާރާތް ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ސަރުކާރުން މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ކުރެއްވި މަސައްކަތާއި ހާސިލުކޮށްފައިވާ ކާމިޔާބީއަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އަދި މަޖިލިސް ހުޅުވުމުގެ ގޮތުން އިއްވަވާ ރިޔާސީ ބަޔާނުގައި އެކަންކަމާއި ގުޅޭ ތަފްސީލްތަކާއި ކުރިއަށް ރޭވިފައިހުރި މުހިއްމު ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.