ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ގދ. ތިނަދޫ ސައިޓްގައި ސްޕަވައިޒަރެއްގެ މަޤާމް އަދާކުރަމުންދާ މުހައްމަދު ޞާލިހް އަހްމަދު، އިހަވަންދޫ ސައިޓަށް ބަދަލުކޮށްފިއެވެ.
ޞާލިހް އިހަވަންދޫ ސައިޓަށް ބަދަލުކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، 6 މަސް ދުވަހުގެ މުއްދަތަކަށެވެ. ޞާލިހްގެ އިތުރުންވެސް އެކުންފުނީގެ ތިނަދޫ ސައިޓްގައި މަސައްކަތްކުރާ އިތުރު 2 މުވައްޒަފަކުވަނީ ހދ. ކުޅުދުއްފުށީ ސައިޓަށް ބަދަލުކޮށްފައެވެ.
އެމްޑީޕީގެ ކުރީގެ ޗެއަރ ޕާސަން ފައްޔާޒް އިސްމާއިލް ތުހުމަތުކުރާ ގޮތުގައި، އެމުވައްޒަފުންގެ ވަޒީފާ އަދާކުރާ ސައިޓް ބަދަލުކޮށްފައިވަނީ ފައްޔާޒު އަދި ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރާ ސައުދު އާއިއެކު އެ ތިން މުވައްޒަފުން ފޮޓޮއެއް ނެގުމުންނެވެ.
މީގެ އިތުރުން، އެމްޓީސީސީގެ ފިޔޯރީ ސައިޓުގެ އެސިސްޓަންޓް މެނޭޖަރު އަބްދުﷲ ހާލިދުވެސް އިހަވަންދޫ އެމްޓީސީސީ ސައިޓަށް ބަދަލުކޮށްފައިވާކަން ފާހަގަކުރެވެއެވެ. އަބްދުﷲ ހާލިދުއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރޯދަ މަހާ ދިމާކޮށް ކުއްލިއަކަށް އޭނާ ފިޔޯރީ ސައިޓުން އިހަވަންދޫއަށް ބަދަލުކުރީ ޕީއެންސީ ޓިކެޓްގައި، ފިޔޯރީ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ އަބްދުﷲ މުބާހުއަށް ތާއީދު ނުކޮށް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފިޔޯރީ ކައުންސިލްގެ ރައީސަކަށް މިހާރުވެސް ހުންނެވި ފައިޒަރު ރަޝީދަށް ތާއީދުކުރުމުންނެވެ.
ވެމްކޯ އަދި އެމްޓީސީސީގެ މުވައްޒަފުން އިހަވަންދޫގައި ހަރަކާތްތެރިވަމުން ދިޔަނަމަވެސް އެދެ ކުންފުނީގެ މަސައްކަތެއް ނުހިނގައެވެ. އެމްޓީސީސީއާއި މަޝްރޫއުތަކެއް ހަވާލުކޮފައި ވާނަމަވެސް، އެކުންފުނީގެ މަސައްކަތްތައްވަނީ ހުއްޓިފައެވެ. ވެމްކޯއަށް ބަލާއިރު ވެމްކޯގެ ހިދުމަތް އިހަވަންދޫގައި ފެށުމަށް ތަފާތު ތާރީހުތަކެއް ދެމުންދާތާ 1 އަހަރާއި 10 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އިހަވަންދޫގައި އެކުންފުނީގެ މަސައްކަތް އަދި ނުފެށެއެވެ . ވެމްކޯގެ 7 މުވައްޒަފުން އިހަވަންދޫ ސައިޓްގައި ތިބޭއިރު އެމުވައްޒަފުންގެ މުސާރަޔަށް 75 ހާހަށްވުރެ ގިނަ އަދަދެއް ހަރަދުވާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.