އިހަވަންދޫ ކައުންސިލުން، މިމަހުގެ 24 ގައި ރައްޔިތުންނާ ބައްދަލުކުރަނީ…

މުހައްމަދު މައުޒު

އިހަވަންދޫ ކައުންސިލުން، މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ ރޭ ރައްޔިތުންނާ ބައްދަލުކުރާނެކަން އިއުލާންކޮށްފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމަރުކަޒީ އުސޫލުން ހިނގުމަށް ޤާނޫނު ނަންބަރު 7/2010 ގެ 107 ވަނަ މާއްދަގެ ދަށުން ބައްވާ މިބައްދަލުވުން އޮންނާނީ، މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ ރޭ 21:30 ގައި އިހަވަންދޫ ރަށްވެހިހިޔާ ހޯލްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިބައްދަލުވުމަކީ  2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ބަޔާން ހުށަހެޅުމާއި، 2026 ވަނަ އަހަރަށް ކައުންސިލުން ރާވާފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

ޤާނޫނުގައި ވާގޮތުން،  މިބައްދަލުވުމުގެ 7 ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕުލޭނާއި ބަޖެޓުގެ މަޢުލޫމާތު ޢާންމުކޮށް ހާމަކުރަން ޖެހެއެވެ. ނަމަވެސް އެގޮތަށް އަމަލުކުރަނީ ވަރަށް މަދު ކައުންސިލަކުންކަން ފާހަގަކުރެވެއެވެ. އިހަވަންދޫ ކައުންސިލުންވެސް ޤާނޫނާއި އެއްގޮތަށް އަމަލުކުރަމުން ނުދާކަން ފާހަގަކުރެވެއެވެ. އިހަވަންދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރާނަމަ، ރައްޔިތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރަން ސުވާލު ފޮނުވުމުގެ ފުރުސަތު ކުރިންލާ ހުޅުވައިލައެވެ. ނަމަވެސް މިފަހަރުގެ ބައްދަލުވުމާއި ގުޅިގެން އެފަދަ ފުރުސަތެއް އަދި ހުޅުވައެއްނުލައެވެ.