ރަމަޟާން މަހުގެ ފަހު ދިހައެއްގެ ރޭގަނޑު ވަގުތުތަކުގައި ކުޅިވަރުކުޅޭ ދަނޑުތައް ނުދިއްލުމަށް އިހަވަންދޫ ކައުންސިލުން ކުރިން ނިންމާފައި އޮތް ނިންމުން ބަދަލުކޮށް، ރޭގެ ވަގުތެއްގައި ދަނޑުތައް އަލުން ދިއްލައިފިއެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއް ފެށުމާއެކު، އަޅުކަމަށް އިސްކަންދިނުމުގެ މަގުސަދުގައި އިހަވަންދޫ ކައުންސިލުން ވަނީ ކުޅިވަރު ދަނޑުތައް ނުދިއްލުމަށް ނިންމައި އެކަން އިއުލާންކޮށްފައެވެ. އެ ނިންމުމާ އެއްގޮތަށް ފަހު ދިހައެއް ފެށުނު ދުވަހުން ފެށިގެން ދަނޑުތައް ދިއްލުން ކައުންސިލުން އޮތީ ހުއްޓާލާފައެވެ.
ނަމަވެސް، ކައުންސިލްގެ މި ނިންމުމާ ގުޅިގެން ރަށުގެ ބައެއް ޒުވާނުންގެ ފަރާތުން ބޮޑެތި ޕްރެޝަރުތަކެއް ކައުންސިލަށް ކުރިމަތިވިއެވެ. މިކަމާ ގުޅިގެން، ދަނޑުތައް ނުދިއްލުމަށް ނިންމާފައިވާ ނިންމުން މުރާޖާކުރުމަށް އެދި ކައުންސިލަރުން ތިއްބަވާ މުއާސަލާތީ ގުރޫޕެއްގައި ކައުންސިލަރު އަހްމަދު ރިޞްވާން ވަނީ ޕޯލެއް ހުޅުވާފައެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ އިހަވަންދޫ ކައުންސިލްގެ މެޖޯރިޓީން ނިންމާފައިވަނީ ދަނޑުތައް އަލުން ދިއްލުމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ދަނޑުތައް ދިއްލުމަށް ތާއީދުކޮށް އެ ޕޯލުގައި ވޯޓު ދެއްވީ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް، ކައުންސިލަރު ޝަނީޒާ، ކައުންސިލަރު ރިޞްވާން އަދި ކައުންސިލަރު ޝިފާޒާއެވެ.
ކައުންސިލަރު ރިޟްވާން މިނޫހާ ވާހަކަ ދައްކަމުން ވިދާޅުވީ، ކައުންސިލް 7 މެންބަރުންނާ ފުޅާދާއިރާއެއްގަ މަޝްވަރާ ނުކޮށް ދަނޑު ނުދިއްލަން ނިންމައި ވަކި މެންބަރެއް ބޭނުންވާގޮތަށް އާންމު ކުރި ކުރުމީ މިފަދަ މުޖުތަމައެއްގަ ދީނީ އެއްބައިވަންތަކަން ނަގާލުމަށް ކުރެވޭ ކަމެއް ގޮތުގަ ދެކޭ ކަމުގައެވެ. އަދި މެންބަރުންނާ މިފަދަ ކަންކަމުގަ ފުޅާ ދާއިރާއެއްގަ މަޝްވަރާ ކުރެވި ހިނގާނަމަ މިފަދަ ކަންކަން ތަކުރާރު ނުވާނެ ކަމުގައި ރިޟްވާން ވިދާޅުވިއެވެ. “އިސްލާމް ދީނަކީ ސިއްހަތަށް ސަމާލުކަން ދިނުމަށް ގޮވާލާ ދީން! އަޅުކަން ފުރިހަމަ ގޮތުގަ އަދާކުރެވޭނި ފުރިހަމަ ސިއްހަތެއްގަ ތިބެގެން!” ދަނޑުތައް ނުދިއްލުމަށް ނިންމާފައިވާ ނިންމުން މުރާޖާކުރުމަށް ޕޯލް ނެގި ސަބަބު ސާފުކޮށްދެއްވަމުން ރިޟްވާން ވިދާޅުވިއެވެ.
ކައުންސިލްގެ އަޣުލަބިއްޔަތުން މިގޮތަށް ނިންމުމާ ގުޅިގެން، ރޭގެ ވަގުތެއްގައި ވަނީ ދަނޑުތަކުގެ ލައިޓްތައް އަލުން ދިއްލައި، ކުޅިވަރު ކުޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިއީ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ބަރަކާތްތެރި ވަގުތުތައް އަޅުކަމުގައި ހޭދަކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރިން ނިންމި ނިންމުމެއް ނަމަވެސް، ބައެއް ޒުވާނުންގެ ޕްރެޝަރާއެކު އެ ނިންމުން މިވަނީ އުނބަށްޖަހާފައެވެ.