ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ކައުންސިލް މެމްބަރުކަމަށް އަމިއްލަގޮތުން ވާދަކުރާ އަމްޖަދު ޕީއެންސީ ކެމްޕެއިން ހަރަކާތާ ގުޅިއްޖެއެވެ. އެގޮތުން އަމްޖަދުވަނީ މިއަދު ޕީއެންސީއިން ކުރިޔަށް ގެންދިޔަ، އެޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިޔަށްގެންދިޔަ ކެމްޕެއިން ހަރަކާތުގައި ބައިވެރި ވެފައެވެ.
މިކަމާ ބެހޭގޮތުން މިނޫހުން ސުވާލުކުރުމުން އަމްޖަދު ބުނީ، ޕީއެންސީގެ ކެމްޕެއިން ހަރަކާތަށް އޭނާ ނުކުތީ އެއީ މިވަގުތު ރަށަށް އެންމެ ފައިދާހުރި ގޮތްކަމަށް ޤަބޫލުކުރެވޭތީއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ކައުންސިލް މެމްބަރުކަމަށް އަމިއްލަގޮތުން ވާދަކުރާ މޫސާ އަމްޖަދަށް ލިބިފައިވަނީ ކެނޑިޑޭޓް ނަންބަރު 16 އެވެ. އަމްޖަދާއިއެކު 8 ކެނޑިޑޭޓަކު އިހަވަންދޫ ކައުންސިލްގެ މެމްބަރުކަމަށް ވާދަކުރެއެވެ. އެއީ ޕީއެންސީ 2 ކެނޑިޑޭޓުން، އެމްޑީޕީ 2 ކެނޑިޑޭޓުން އަދި އަމިއްލަގޮތުން ވާދަކުރާ 4 ކެނޑިޑޭޓުންނެވެ.
އަމްޖަދުވަނީ ޕުރޮގުރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމެޓީގެ އިންތިހާބުގައި 2020 ވަނަ އަހަރު ވާދަކޮށް އިންތިހާބުވެފައެވެ. ދުވަސްކޮޅެއް ވަންދެން އެކޮމިޓީގެ ރައީސްގެ މަޤާމްވެސް އަމްޖަދު ފުރިއެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްފަހުންވަނީ އެމަޤާމުން އިސްތިއުފާ ދީފައެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، އިހަވަންދޫ ކައުންސިލްގެ 5 ގޮނޑިއަށް، 17 ކެނޑިޑޭޓުން ވާދަކުރެއެވެ. އަދި އަންހެނުން ކޮމިޓީއަށް 15 ކެނޑިޑޭޓުން ވާދަކުރެއެވެ، މިއީ އިހަވަންދޫގައި ބޭއްވޭ އިންތިހާބެއްގައި އެންމެ ގިނަ ބަޔަކު ވާދަކުރާ ފަހަރަށް ވެގެންދާނެއެވެ.