ވެރިކަންކުރާ ޕީއެންސީގެ އިހަވަންދޫ ކާލާމަންނަގެ ގޮތުގައި ސިފަކުރާ ހއ. އިހަވަންދޫ / މިލާނޯ، އަބުދުލް ވާހިދު އަބުދުﷲ ވެރިކަންކުރާ ޕީއެންސީއިން ވަކިވެއްޖެއެވެ. ވާހިދު ޕީއެންސީއިން ވަކިވެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
ވާހިދު މައުލޫމާތު ދެއްވިގޮތުގައި ޕީއެންސީ އިން ވަކިވީ އެޕާޓީގެ ކަންކަމުގައި ބޮޑެތި މައްސަލަތަކެއް ހުރުމާއިއެކު، ޕާޓީއެއްގެ ސިފަ ނުޖަހާތީއެވެ. އެޕާޓީއިން ވަކިވިނަމަވެސް ކޮންމެވެސް ވަރަކަށް ސިޔާސީ ކަންކަމުން ފެންނާނެކަމަށް ވާހިދު ބުންޏެވެ. ބެލެވޭ ގޮތުގައި ވާހިދު ޕީއެންސީއިން ވަކިވި އެންމެ ބޮޑު އެއް ސަބަބަކީ، ޕާޓީގެ އުސޫލުން ބޭރުން، ކަންކަމުގެ ހައިރާކީ އޮޅޭގޮތަށް ކަންކަން ހިގަން ފެށުމެވެ. ހާއްސަކޮށް ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ކައުންސިލަށް އެޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުން ތިއްބައި، އެހެން ކެނޑިޑޭޓުން ތަކަކަށް ރައީސް އައްޔަން ކުރައްވާފައިވާ ސިޔާސީ މަޤާމްތަކުގައި ތިއްބަވާ ފަރާތްތައް ކެމްޕެއިން ކޮށްދޭތީއެވެ.
ރާއްޖޭގެ ވެރިކަންކުރާ ނިޒާމް މަލްޓި ޕާޓީ ޑިމޮކްރަސީއަކަށް ބަދަލުވި ހިސާބުން ރަށްފުށުގައި ހިންގަންފެށި ސިޔާސީ ހަރަކާތްތަކުގައި، ވާހިދު ފެނިގެންދިޔައީ އިހަވަންދޫ އެމްޑީޕީ ގްރާސްރޫޓް މެމްބަރެއްގެ ގޮތުގައެވެ. ސިޔާސީ ހަރަކާތްތަގެ ކުރީ ސަފުން ފެނިގެން ނުދިޔަނަމަވެސް ވާހިދު ވެފައިވަނީ އިންތިހާބުތަކުގައި ވޯޓް ހޯދުމަށް ބޭނުންކުރާ ބަރު ހަތިޔާރަކަށެވެ. 2022 ވަނައަހަރުގެ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ވާހިދުވަނީ އެމްޑީޕީ ދުކޮށް ޕީޕީއެމް އަށް ސޮއެކޮށްފައެވެ. އޭގެ ފަހުން ސިޔާސީ މައިދާނުގައި ވާހިދު ސިފަ ވެފައިވަނީ “ޕީއެންސީގެ ކާލާ މަންނަ” ގެ ގޮތުގައެވެ.