އަޅުގަނޑު އެހެން ކެނޑިޑޭޓަކަށް ތާއީދުކުރާ ކަމަށްބުނެ ދައްކާވާހަކައަކީ ދޮގެއް – ރައްޒާން

މުޙައްމަދު އަކުރަމް

އެހެން ކެނޑިޑޭޓަކަށް ތާއީދުކުރާކަމަށްބުނެ ދެކެވޭ ވާހަކަޔާއި ނަން އަނބުރާ ގެންދާކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ޔޯލަ ދޮގު ވާހަކަތަކެއް ކަމަށް، ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ވެރިކަންކުރާ ޕީއެންސީ ޓިކެޓްގައި އިހަވަންދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ އަލީ ރައްޒާން ބުނެފިއެވެ. ރައްޒާން މިހެންބުނީ ރޭ އެޕާޓީގެ ހަރުގެ ބޮޑު ތަކުރުފާނު މާލަމުގައި ކުރިޔަށްގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަމުންނެވެ.

“ހަގީގަތުގައި މިވާހަކަ މިދައްކަނީ، އަޅުގަނޑުމެންގެ ލީޑަރު އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހްމަދު ނަސީރުގެ ލީޑަރޝިޕްގެ ދަށުން، ކުރިމަތިލާގެންތިބި ކެނޑިޑޭޓުންނަށް މިއިންތިހާބު ކާމިޔާބުވާނެކަމުގެ ޔަޤީންކަން އޮތީމަ އަޅުގަނޑުމެން ފަހަތައްޖައްސަން މިވާހަކަ މިދައްކަނީ. އެކަމަކު އަޅުގަނޑުމެންނެއް ފަހަތަކަށް ނުޖެހޭނަން” ރޭގެ ޖަލްސާގައި ވާހަކަ ދައްކަމުން ރައްޒާން ބުންޏެވެ. ރައްޒާންގެ އިތުރުން ކުރިޔަށް އޮތް އިންތިހާބުގައި އިހަވަންދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް، އިހަވަންދޫ ކައުންސިލްގެ މިހިނގާ 4 ވަނަ ދައުރުގެ ރައީސް އަހްމަދު ސޮބާހްގެ އިތުރުން، ސެކްރެޓަރީ ޖެނެރަލް އަލީ ފަވާޒްވެސް ވާދަކުރެއެވެ. ސޮބާހް ވާދަކުރަނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ. ފަވާޒް ވާދަކުރަނީ އެމްޑީޕީގެ ޓިކެޓްގައެވެ.

ރައްޒާން މިމޭރުމުން ވާހަކަ ދެއްކިއިރު، އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރާ ސޮބާހްއަށް ރައްޒާން ވަރަށް އަވަހަށް ތާއީދުކޮށް، ރައްޒާން ކެމްޕެއިނާއި ދުރަށް ދާނެކަމަށް ބުނާ ވާހަކަތެއްގެ އަޑު މިދޭތެރޭގައި ވަރަށް ގަދަވިއެވެ. ނަމަވެސް ރޭގެ ޖަލްސާގައި ރައްޒާންވަނީ އެއީ އެއްވެސް ހަޤީގަތެއްނެތް ވާހަކަތަކެއްކަމުގެ ޔަޤީންކަން ދީފައެވެ. ފާހަގަކުރެވޭ ގޮތުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަޤާމަށް ޕީއެންސީ ޓިކެޓްގައި ވާދަކުރާ އާމިނަތު ނުޒުހަތު ފަހަތަށްޖެހި، އިހަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަމިއްލަގޮތުން ވާދަކުރާ ޓީމަށް ތާއީދުކުރަން ވަނީ ނިންމައިފައެވެ.