ކުރިޔަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެއްޓީމެއްގެ ގޮތުގައި އަމިއްލަގޮތުން އިހަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ “ރައްޔިތުންގެ ޓީމާއި” ކުރީގެ އިހަވަންދޫ ދާއިރާގެ މެމްބަރު، ވެރިކަންކުރާ ޕީއެންސީގެ ސެނެޓް މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) ގުޅިވަޑައިގެންފިއެވެ.
މުހައްމާ “ރައްޔިތުންގެ ޓީމާއި” ގުޅިވަޑައި ގަތުމަށް މިއަދު ހަވީރު އިހަވަންދޫއަށް ވަޑައިގަތުމުން,ގިނަބަޔަކު ވަނީ ބަނދަރު ސަރަހައްދަށްނުކުމެ އެބޭފުޅާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މުހައްމާއަކީ އިހަވަންދޫ ސިޔާސީ މަސްރަހަގައި ނުފޫޒުގަދަ ބޭފުޅެކެވެ. މުހައްމާވަނީ އެކިއެކި ސަރުކާރުތައް ގެނައުމާ ބަދަލުކުރުމުގައި ސިޔާސީ އިސް އެކްޓިވިސްޓެއްގެ ގޮތުން މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް އެބޭފުޅަވަނީ އިސްދައުރެއް އަދާކޮށްފައެވެ. އަދި މިހާރުގެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހްމަދު ނަސީރަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށްޓަކައި އަމަލީގޮތުން ބައިވެރިވެ މަސައްކަތް ކޮށްދެއްވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، އިހަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އަށް އަމިއްލަ ގޮތުން އެއް ޓީމެއްގެ ގޮތުގައި ކެނޑިޑޭޓުން ނުކުތީ ޕީއެންސީގެ ޕްރައިމަރީ ބޭއްވުމުގައި އުފެދުނު މައްސަލަތަކަކާ ގުޅިގެންނެވެ. ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅި ބައެއް ކެނޑިޑޭޓުންގެ ޝަރުތު ހަމަނުވާކަމަށް ޕާޓީން ނިންމުމުން، ޝަރުތު ހަމަވީ އިންތިޚާބުކުރަންޖެހޭ އަދަދަށް ކަމަށްވާތީ ޕްރައިމަރީއަކާ ނުލައި އެ ފަރާތްތަކަށް ވަނީ ޓިކެޓް ދީފައެވެ.
މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން، ޕީއެންސީގެ ތެރޭގައި ތިބި ގިނަ ބަޔަކު ދަނީ އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދުކުރަމުންނެވެ. މިކަމުގެ ސަބަބުން އިހަވަންދޫގައި ސަރުކާރު ހިންގާ ޕާޓީގެ އެތެރޭގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.