ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫގެ މެޖޯރިޓީ ހޯދާނެ ޓީމެއް ބެލުމަށް ޕޯލެއް ހުޅުވާލައިފި!

.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. އިހަވަންދޫ ކައުންސިލަށް ވާދަކުރާ ތިން ޓީމުގެ ތެރެއިން، ކައުންސިލްގެ މެޖޯރިޓީ ހޯދާނެ ކަމަށް ބެލެވެނީ ކޮން ޓީމަކުންތޯ ބެލުމަށް ކިޔުންތެރިންގެ މެދުގައި ޚިޔާލު ހޯދުމުގެ ޕޯލެއް އިހަވަންދޫ.ކޮމް އިން ހުޅުވާލައިފިއެވެ.

މި ޕޯލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ.ކޮމްގެ ކޮމިއުނިޓީ ވައިބަރ ގްރޫޕްގައެވެ. މިރެއިން ފެށިގެން ހުޅުވާލާއިފަވާ މި ޕޯލްގައި ވޯޓުލުމުގެ ފުރުސަތު މި މަހުގެ 3 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް އޮންނާނެއެވެ. ޕޯލްގެ ނަތީޖާ އެ ދުވަހުގެ 14:15 ގައި އާންމުކޮށް އިއުލާންކުރުމަށް ވަނީ ނިންމާފައެވެ.  poll.ihavandhoo.com އަށް ޒިޔާރަތްކޮށްގެން މި ޕޯލްއަށް ވޯޓް ލެވޭނެއެވެ.

މި ޕޯލްގައި ކޮންމެ ބޭފުޅަކަށްވެސް ލެވޭނީ އެންމެ ވޯޓެކެވެ. އަދި އެއްފަހަރު ވޯޓު ދިނުމަށްފަހު، ފަހުން އެ ވޯޓު ބަދަލެއް ނުކުރެވޭނެއެވެ.

މީގެ ކުރިންވެސް އިންތިހާބާ ގުޅޭ މިފަދަ ޕޯލްތައް އިހަވަންދޫ.ކޮމްގެ ފޭސްބުކް ޕޭޖްގައި ކުރިއަށް ގެންގޮސްފައިވެއެވެ. ނަމަވެސް، ފޭސްބުކް ޕޯލްތަކުގައި ވޯޓުލާ ފަރާތްތަކުގެ މައުލޫމާތު ފެންނަން ހުންނާތީ، ކިޔުންތެރިންގެ ޕްރައިވެސީ ރައްކާތެރިކުރުމުގެ ގޮތުން މިފަހަރުގެ ޕޯލް ވައިބަރ މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމީއެވެ.

މިފަހަރުގެ ޕޯލްގައި ބައިވެރިންނާ ސުވާލުކޮށްފައިވަނީ، އިހަވަންދޫ ކައުންސިލްގެ މެޖޯރިޓީ ހޯދާނީ ވެރިކަން ކުރާ ޕީއެންސީންތޯ، އިދިކޮޅު އެމްޑީޕީންތޯ ނުވަތަ އަމިއްލަ ގޮތުން އެއް ޓީމެއްގެ ގޮތުގައި ވާދަކުރާ “ރައްޔިތުންގެ ޓީމު” ތޯއެވެ.

މި އިންތިހާބަކީ އިހަވަންދޫގައި މިހާތަނަށް ބޭއްވޭ އެންމެ ވާދަވެރި އަދި އެންމެގިނަ ކެނޑިޑޭޓުން ވާދަކުރާ އިންތިހާބެވެ.