Banner Image Description

މަސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފުޓުސަލް މުބާރާތް ފެށިގެން ކުރިއަށް

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫ ކުލަބު ޕޯލްސްޓަރ އިން މަސްވެރިންނަށް އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފިޝަމެން ފުޓުސަލް ޓޯނަމެންޓު ކުޅުން 7 ޓީމާއެކު ފަށައިފިއެވެ.

މުބާރާތުގެ ފުރަމަތަ މެޗުގައި އިއްޔަ ހަވީރު ބައްދަލުކޮށްފައިވަނީ އަރާކުރި އަދި މާހޯރައެވެ. މިމެޗް 6 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްފައިވަނީ އަރާކުރި ޓީމެވެ.

ފިޝަމެން ފުޓުސަލް ޓޯނަމެންޓުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ހއ. އިހަވަންދޫގައި ކަނޑު މަސްވެރިކަމާއި ކަންނެލީގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަން ކުރުމަށް ރެޖިސްޓްރީކޮށްފައިވާ ދޯނިތަކުން އެދޯންޏަކުން މަހަށްދާތާ މަދުވެގެން 5 ހަފުތާވެފައިވާ ކުޅުންތެރިންނެވެ. މިއަހަރުގެ މިމުބާރާތުގައި ކޮންމެ ޓީމަކަށްވެސް ވަނީ މީގެ އިތުރުން އިހަވަންދޫގެ 2 ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ދީފައެވެ. ނަމަވެސް މިދެކުޅުންތެރިންގެ ތެރެއިން އެއްވަގުތެއްގައި ކުޅެއް އެރޭނީ އެއް ކުޅުންތެރިއަކަށް ކަމަށް މިފަހަރުގެ މުބާރާތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

ފުޓުސަލް މުބާރާތުގެ ފުރަތަމަ މެޗުގެ ކުޅުން ފެށުމުގެ ކުރިން ކުލަބު ޕޯލްސްޓަރގެ ރައީސް މުބާރާތް ތައާރަފު ކުރުމުގެ ގޮތުން ދެއްކެވި ވާހަކާގައި މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މަސްވެރިންނަށް އަމާޒުކޮށްގެން މިފަދަ މުބާރާތެއް ކުރިއަށްގެންދާނެކަމާއި މިއަހަރުގެ މުބާރާތަށްވުރެ ދެން އޮންނަ މުބާރާތެއްގެ އިނާމުވެސް ރަނގަޅުކުރުމުގެ މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ.

މިމުބާރާތުގެ ދެވަނަ މެޗުގައި މިއަދު ހަވީރު 5:00 ގައި ބައްދަލުކުރާނީ ފަހިރާސްތާ އާއި އަސްދާން އެވެ.