އިހަވަންދޫގެ %75 މީހުން ބުނީ "ނޫނެކޭ"!

އަޔާން

މިމަހުގެ 4 ވަނަ ދުވަހު ކުރިޔަށްގެންދިޔަ  ހިޔާލު ހޯދުމުގެ ވޯޓްގައި، އިހަވަންދޫގައި ބަހައްޓާފައިހުރި ވޯޓް ފޮށިތަކަށް ވޯޓްލީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން “ނޫނެކޭ” ބުނެފިއެވެ.

މި ހިޔާލު ހޯދުމުގެ ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ “ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރެއްވުމާ މެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ބޭއްވި ވޯޓެކެވެ.

އިހަވަންދޫގައި ބެހެއްޓުނު ތިން ވޯޓް ފޮށީގެ ޖުމްލަ ނަތީޖާއަށް ބަލާއިރު، ވޯޓްލީ މީހުންގެ %75.81 މީހުން ވަނީ މި ބިލު ތަޞްދީޤުކުރުމާ ދެކޮޅު ކަމުގައެވެ.

ވަކިވަކި ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު:

  • އެއް ނަންބަރު ފޮށި: ވޯޓްލީ މީހުންގެ %75.40 ބުނީ “ނޫނެކޭ” އެވެ.
  • ދެ ނަންބަރު ފޮށި: ވޯޓްލީ މީހުންގެ %72.91 ބުނީ “ނޫނެކޭ” އެވެ.
  • ތިން ނަންބަރު ފޮށި: ވޯޓްލީ މީހުންގެ %80.13 ބުނީ “ނޫނެކޭ” އެވެ.

މި ތިން ފޮށްޓަށް ޖުމްލަ ވޯޓްލީ މީހުންގެ ތެރެއިން 1,222 މީހުން “ނޫނެކޭ” ބުނެފައިވާއިރު، މި އިޞްލާޙު ތަޞްދީޤުކުރުމަށް “އާއެކޭ” ބުނެފައިވަނީ އެންމެ 389 މީހުންނެވެ.

މި ނަތީޖާއިން ހާމަވާ ގޮތުގައި، ޤާނޫނުއަސާސީއަށް ގެނައުމަށް މަސައްކަތްކުރާ މި ބަދަލާ މެދު އިހަވަންދޫގެ ރައްޔިތުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އޮތްކަން ވަނީ ސާފުވެފައެވެ. މި ވޯޓަކީ ރައްޔިތުންގެ ބަސް ސަރުކާރަށް އިއްވުމަށް ލިބުނު ފުރުޞަތެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ. މުޅި ރާއްޖޭގެ ނަތީޖާއަށް ބަލާއިރުވެސް އެއިންތިހާބުގައި ވޯޓްލީ މީހުންގެ %68.52 މީހުން ބުނެފައިވަނީ އެބިލު ތަޞްދީޤުކުރުމާ ދެކޮޅު ކަމުގައެވެ.