3 ވޯޓުގެ ތަފާތަކުން އައިޝާއަށް ގާތްގަނޑަކަށް ގޮނޑި ކަށަވަރުވެއްޖެ!

މުޙައްމަދު އަކުރަމް

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، އިހަވަންދޫ ކައުންސިލުން މިހާތަނަށް އެއްކޮށް ކަށަވަރުނުވާ ގޮނޑި، 3 ވޯޓުގެ ކުޑަ ތަފާތަކުން އަމިއްލަގޮތުން ވާދަކުރި އާއިޝަތު ސަމާހަތުއަށް ގާތްގަނޑަކަށް ކަށަވަރުވެއްޖެއެވެ.

މިހާތަނަށް އަޅުގަނޑުމެންނަށް ވެރިފައިކުރެވިފައިވާ ނަތީޖާތަކުން ދައްކާގޮތުގައި ސަމާހަތުއަށް ޖުމްލަ 864 ވޯޓު ލިބިފައިވެއެވެ. ސަމާހަތުއާއި އެންމެ ގާތުން ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓް އާއިޝަތު ޝިޔާމާއަށް ލިބިފައިވަނީ 861 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނަތީޖާ ޕޯޓަލްގައި މިހާރު ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ދެ ކެނޑިޑޭޓުންގެ މެދުގައި ވަނީ 2 ވޯޓުގެ ތަފާތެކެވެ. އެ ޕޯޓަލްއިން ދައްކާގޮތުގައި ސަމާހަތުއަށް 863 ވޯޓު ލިބިފައިވާއިރު، ޝިޔާމާއަށް ލިބިފައިވަނީ 861 ވޯޓެވެ. ނަމަވެސް، އިލެކްޝަންސް ޕޯޓަލްއަށް ‘ތިނަދޫ އެހެނިހެން ފޮށި-1’ ގެ ނަތީޖާ އަދިވެސް އަޕްޑޭޓް ކޮށްފައެއް ނުވެއެވެ.

‘ތިނަދޫ އެހެނިހެން ފޮށި-1’ ނަތީޖާ އަޅުގަނޑުމެންނަށްވަނީ ލިބިފައެވެ.  އެ ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 4 މީހަކަށެވެ. އޭގެ ތެރެއިން ވޯޓުލާފައިވަނީ ދެ މީހެކެވެ. އެ ފޮށީގެ ނަތީޖާއަށް ބަލާއިރު، ސަމާހަތުއަށް އެއް ވޯޓު ލިބިފައިވާއިރު، ޝިޔާމާއަށް އެއްވެސް ވޯޓެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން، މި ދެ ކެނޑިޑޭޓުންގެ މެދުގައި އޮތް ފަރަގު މިހާރު ވަނީ 3 ވޯޓަށް ބޮޑުވެފައެވެ.

މިއީ އިހަވަންދޫގެ ތާރީހުގައިވެސް ދެ ކެނޑިޑޭޓެއް މިހާގާތުން ވާދަކުރި ފަހަރެވެ. ނަމަވެސް، މި ނަތީޖާއަށް އަދިވެސް ބަދަލެއް އައުމުގެ ކުޑަ ފުރުސަތެއް އެބައޮތެވެ. އެގޮތުން، ހުޅުމާލޭގައި ބެހެއްޓި ވޯޓު ފޮށްޓެއްގެ  2-3 ވޯޓެއްގެ މައްސަލަ  އެމްޑީޕީގެ ފަރާތުންވަނީ   އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައެވެ. ހަމައެހެންމެ އަމިއްލަ ކެނޑިޑޭޓުންގެ ފަރާތުންވެސް އިހަވަންދޫގައި ބަހައްޓާފައިހުރި  ވޯޓް ފޮއްޓެއްގެ ދެ ވޯޓަކާއިގުޅޭ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށްވަނީ ހުށަހަޅާފައެވެ. ވޯޓްގެ ޖުމުލަ ނަތީޖާއަށް ބަދަލު ނާންނާނެ ކަމެއްނަމަ އެފަދަ ޝަކުވާއެއް ބެލުމަކީ ވަރަށް ނާދިރު ކަމެކެވެ.