ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އިހަވަންދޫ އައުޓްރީޗް ސެންޓަރުގައި މިއަހަރުގެ ފުރަތަމަ ސެމިސްޓަރގައި ހިންގުމަށް އިއުލާންކުރި ކޯސްތަކަށް ކުރިމަތިލީ އެންމެ ދެ ދަރިވަރުން ކަމަށް އެ ޔުނިވަރސިޓީން ހާމަކޮށްފިއެވެ. އެމްއެންޔޫއިން މިކަން ހާމަކޮށްފައިވަނީ މި ނޫހުން ކުރި ސުވާލަކަށް ދެއްވި ޖަވާބެއްގައެވެ.
އިހަވަންދޫ ޕްރީސްކޫލްގައި ޤާއިމްކޮށްފައިވާ އެ ސެންޓަރުގައި މިއަހަރުގެ ފުރަތަމަ ސެމިސްޓަރގައި ހިންގުމަށް ޖުމްލަ 4 ކޯހެއް އިއުލާނުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ:
އެމްއެންޔޫއިން މައުލޫމާތު ދިންގޮތުގައި، މި ކޯސްތަކުގެ ތެރެއިން ބެޗްލަރ އޮފް ހިއުމަން ރިސޯސަސް މެނޭޖްމަންޓަށް އެއް އެޕްލިކޭޝަން ލިބިފައިވާއިރު، މާސްޓަރސް އޮފް އެޑިޔުކޭޝަނަށް ވެސް ލިބިފައިވަނީ އެންމެ އެޕްލިކޭޝަނެކެވެ. ބާކީ ދެ ކޯހަށް އެއްވެސް ދަރިވަރަކު ކުރިމަތިލާފައެއް ނުވެއެވެ.
އެޔުނިވަރސިޓީން އިތުރަށް ބުނި ގޮތުގައި، މިއަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކޯސްތައް ނުފެށި ވަނީ ކޯހެއް ހިންގުމަށް ބޭނުންވާ އެންމެ މަދު އަދަދަށް ދަރިވަރުން ކުރިމަތިލާފައި ނުވާތީއެވެ. ނަމަވެސް، އުއްމީދު ކަނޑާނުލައި، މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޯގަސްޓް އިންޓޭކްގައި އަލުން ހުޅުވައިލާނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ. އޯގަސްޓް އިންޓޭކްގައި ކޯސްތައް ހިންގުމަށް ބޭނުންވާ އެކަށީގެންވާ އަދަދަކަށް ދަރިވަރުން ލިބިއްޖެނަމަ، އިހަވަންދޫ އައުޓްރީޗް ސެންޓަރުގައި ކިޔަވައިދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަގީންކަން އެމްއެންޔޫއިންދެއެވެ.
ތައުލީމީ ދާއިރާގައި މަސައްކަތްކުރެއްވި އަދި މަތީތައުލީމުގެ ކޯސްތައް އިހަވަންދޫގައި ހިންގުމުގައި އިސްކޮށް އުޅުއްވި ބޭފުޅެއް ވިދާޅުވީ، ރައްޖޭގެ ދަރިވަރުން މަތީ ތައުލީމް އުގެނުމަށް ހިޔާރުކުރާގޮތްތަކަށް ވަރަށްބޮޑަށް މިހާރުވަނީ ބަދަލު އައިސްފައެވެ. އެގޮތުން އޮން ކެމްޕަހުގައި ކިޔެވުމުގެ ބަދަލުގައި ގިނަ ދަރިވަރުން ހިޔާރުކުރަނީ އޮންލައިންކޮށް ތައުލީމް ހާސިލްކުރެވޭނެ މަގުތައްކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައުޓްރީޗް ކެމްޕަސްއެއް ހއ. އިހަވަންދޫގައި ހިންގުމަށް، އިހަވަންދޫ ކައުންސިލުން އިމާރާތް ކޮށްފައިވާ ޕްރީސްކޫލް އިމާރާތް އެމްއެންޔޫއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެސެޕްޓެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ. ޕްރީސްކޫލްގެ މުޅި އިމާރާތް އެމްއެންޔޫއާއި ހަވާލުކޮށްފައިވަނީ 35 އަހަރުގެ މުއްދަތަށް ކުއްޔެއް ނުނަގާގޮތަށެވެ.