ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ އިންތިޚާބުގައި ހއ. އިހަވަންދޫން “ރައްޔިތުންގެ ޓީމް” ގެ ނަމުގައި އަމިއްލަގޮތުން ވާދަކުރި ޓީމުން ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ އެ ޓީމް ލީޑްކުރައްވާ އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއެވެ. ސޮބާހް ވިދާޅުވި ގޮތުގައި، އެ ޓީމާއެކު އަމިއްލަ ގޮތުން ވާދަކޮށް އިންތިޚާބުވި ތިން މެންބަރުންވެސް މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައެވެ.
“ރައްޔިތުންގެ ޓީމް” ގެ ނަމުގައި އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރީ ތިން ކެނޑިޑޭޓުންނެވެ. އެއީ އިހަވަންދޫ ކައުންސިލްގެ މެންބަރުކަމަށް އިންތިޚާބުވި މުހައްމަދު ފިރާގު އަދި އާއިޝަތު ސަމާހަތުގެ އިތުރުން، އިހަވަންދޫ އ.ތ.މ ކޮމިޓީގެ މެންބަރުކަމަށް އިންތިޚާބުވި ހަލީމަތު ހުރާސަތުއެވެ.
މި މެންބަރުން ރަސްމީކޮށް ވެރިކަންކުރާ ޕީއެންސީއާ ގުޅޭނެތޯ ސުވާލުކުރުމުން ސޮބާހް ވިދާޅުވީ، އެކަމާ މެދު ނިންމާ ގޮތެއް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ. ނަމަވެސް، އެ ޓީމުގެ އިސް ގިނަ ބަޔަކު ވަރަށް އަވަހަށް ޕީއެންސީއާ ގުޅޭނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދެއްވާފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި، އިހަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އަށް އަމިއްލަ ގޮތުން އެއް ޓީމެއްގެ ގޮތުގައި ކެނޑިޑޭޓުން ނުކުތީ ޕީއެންސީގެ ޕްރައިމަރީ ބޭއްވުމުގައި އުފެދުނު މައްސަލަތަކަކާ ގުޅިގެންނެވެ. ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅި ބައެއް ކެނޑިޑޭޓުންގެ ޝަރުތު ހަމަނުވާކަމަށް އެޕާޓީން ނިންމުމުން، ޝަރުތު ހަމަވީ އިންތިޚާބުކުރަންޖެހޭ އަދަދަށް ކަމަށްވާތީ ޕްރައިމަރީއަކާ ނުލައި އެ ފަރާތްތަކަށް ވަނީ ޓިކެޓް ދީފައެވެ.
“ރައްޔިތުންގެ ޓީމް” ގެ ނަމުގައި އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންނަކީ މިނިވަން ކެނޑިޑޭޓުން ނޫކަމަށްބުނެ އިންތިހާބުގެ ތެރޭގައިވެސް ގިނަބައެއްގެ ތުހުމަތު އަމާޒުވިއެވެ. އެގޮތުން އެ ޓީމަކީސަރުކާރުގެ ފުރިހަމަ މަދަދުލިބޭ ބައެއް ކަމަށް ބުނެ ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވެއެވެ.
މިފަހަރުގެ އިންތިޚާބުގައި އިހަވަންދޫ ކައުންސިލްގެ 5 ގޮނޑީގެ ތެރެއިން 3 ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީއެވެ. އަދި އ.ތ.މ ކޮމިޓީގެ 5 ގޮނޑީގެ ތެރެއިން 4 ގޮނޑިވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ. ސަރުކާރު ހިންގާ ޕީއެންސީއަށް މި އިންތިޚާބުގައި އިހަވަންދޫގެ އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.