އިހަވަންދޫގެ ތަރައްޤީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް، އިހަވަންދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި އަލީ ފަވާޒް ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި މި މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ފަވާޒް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ “ފަށާއިރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް ރަށުގެ ތަރައްޤީއަށް ހުރަސްއަޅާނެ އެއްވެސް ކަމެއް ކައުންސިލްގެ ތެރެއިން ނުފެންނާނެ ކަމަށެވެ.
“އަޅުގަނޑުމެން ކައުންސިލެއްގައި އިރާދަކުރެއްވިއްޔާ، ރަށަށް މިއަންނަ ތަރައްޤީގެ އެއްވެސް މަޝްރޫޢަކަށް ހުރަހެއް ނޯންނާނެ. އެކަންކަމުގައި ސަރުކާރާ ގުޅިގެން އަޅުގަނޑުމެން ކުރިއަށް ދާން މިތިބީ ތައްޔާރަށް،” ފަވާޒް ވިދާޅުވިއެވެ.
މި އިންޓަވިއުގައި ފަވާޒް ވަނީ އައު ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ ބައެއް މުހިންމު ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އިހަވަންދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލައަކީ ހައްލުކުރަން ބޭނުންވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. ކުނީގެ ސަބަބުން ރަށުގައި އެތައް ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވައި ފަވާޒް ވިދާޅުވީ، ކުނިކޮށީގެ މިހާރުގެ ހާލަތު އޮތްގޮތުން އެކަން ހައްލުކުރެވޭނީ ސަރުކާރުގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.
“އަޅުގަނޑުމެންގެ އަމާޒަކީ މި ފެށޭ ކައުންސިލްގައި، ކުނި މެނޭޖްކުރުމުގެ ކަންކަން އިރާދަކުރެއްވިއްޔާ ގެންދާނަން. އެހެންނަމަވެސް މިކަންކަމަކީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމެއް އަޅުގަނޑުމެންނަށް ބޭނުންވާނެ ކަމެއް،” ފަވާޒް ތަފްސީލުކޮށްދެއްވިއެވެ.
އިންޓަވިއު ނިންމަވާލައްވަމުން ފަވާޒް، ކައުންސިލުން މަސައްކަތް ކުރާނީ ސަރުކާރާ ގުޅިގެން، ރަށުގެ ކުރިއެރުމާއި ލާބަޔަށްޓަކައި ކަމުގެ ޔަޤީންކަން އިހަވަންދޫގެ ރައްޔިތުންނަށް ދެއްވައިފައެވެ. އައު ކައުންސިލް ހުވާކުރާނީ އަންނަ މެއި މަހުގެ 17 ވަނަ ދުވަހުއެވެ.