ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ސިޔާސަތުތަކަށް މިހާރު ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ ވަރުގަދަވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު ވިދާޅުވެއްޖެއެވެ.
ރޭ އެމް.އެމް ޓީވީގެ “ބޮޑު ޚަބަރު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު ނަސީރު ވިދާޅުވީ، އެމްޓީސީސީ، އާރުޑީސީ އަދި ވެމްކޯ ފަދަ ކުންފުނިތަކުގެ ހިންގުމުގެ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކާއެކު، ޤައުމުގައި މަސްވެރިކަމުގެ އާ ރޫހެއް އުފެދިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މި ބަދަލުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތަކުގެ ތެރެއިން ކުރައްވަމުންދާ މުހިންމު މަސައްކަތްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަސީރު ވިދާޅުވި ގޮތުގައި ދިވެހިންނަކީ ވަރަށް މިނިވަންކަމާއިއެކު މަސައްކަތްކުރަން ބޭނުންވާ ބައެކެވެ. އަދި ވަޒީފާގެ މާހައުލުގައި “ފިންގާ ޖަހާފައި” ބަނދެވިފައި ތިބެން ދިވެހިން ބޭނުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ. “ދިވެހިން ބޭނުންވަނީ ވަރަށް މިނިވަންކޮށް އެމީހަކު ކުރާހިތްވާ ކަމެއް އެމީހަކު ކުރާހިތްވާ ގޮތަކަށް ކުރުމުގެ ޖާގަ ލިބިގެން ދިއުން،” ނަސީރު ވިދާޅުވިއެވެ.
މިހާރު ސިޔާސަތަށް ގެންނަ މި ބަދަލުތަކުގެ ސަބަބުން މަސައްކަތްތެރިންނަށް މިނިވަންކަމާއެކު އާމްދަނީ ހޯދުމުގެ ފުރުސަތު ހުޅުވިގެންދާނެކަން ފާހަގަކުރައްވަމުން ނަސީރު އިތުރަށް ވިދާޅުވީ، ކުންފުނިތަކުގެ ޕޮލިސީތަކަށް ބަދަލު އައުމުން މަސްވެރިކަމުގެ ސިނާއަތް ވަރުގަދަވާނެ ކަމަށެވެ.
“މަސްވެރިކަން ކުރާހިތްވާ އެތައް ބަޔަކު އެބަތިބި. އެހެންނަމަވެސް ފަސޭހަކަމާއެކީ އާމްދަނީއެއް ލިބޭތީ މަޑުޖެހިފައި އޮތުން އެބައޮތް. އެހެންކަމުން އެކަންކަމަށް ނިމުމެއް އަންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރުގެ މިހާރު މިގެންނަ ސިޔާސަތުގެ ތެރެއިން،” މެންބަރު ނަސީރު ވިދާޅުވިއެވެ.
ނަސީރު މިވާހަކަ މިދެއްކެވީ، ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުން 33 ޕަސަންޓު މުވައްޒަފުން މަދުކުރުމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އަންގާފައިވާ ދަނޑިވަޅެއްގައެވެ. އިހަވަންދޫ ފަދަ މަސްވެރި ރަށްރަށުގައިވެސް، މަސްވެރިކަމުގެ ސިނާއަތުގައި ކުރިން ހަރަކާތްތެރިވި ގިނަބަޔަކު މިހާރު މަސައްކަތްކުރަމުން އަންނަނީ ސަރުކާރުގެ އެސްއޯއީ ތަކުގައިކަން ފާހަގަކުރެވެއެވެ.