އިމަގުގެ 14ވަނަ ދައުރުގެ ހިންގާ ކޮމެޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި

.

ހއ. އިހަވަންދޫގެ ތަރައްޤީއަށާއި އިޖުތިމާޢީ ކުރިއެރުމަށް މަސައްކަތްކުރާ އެންމެ ދުވަސްވީ އެއް ޖަމިއްޔާ ކަމަށްވާ “އިހަވަންދޫ މަސްވެރިންގެ ގުޅުން” (އިމަގު) ގެ 14ވަނަ ދައުރުގެ ހިންގާ ކޮމެޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެ ޖަމިއްޔާއިން އިއްޔަ ހުޅުވައިލައިފިއެވެ.
މި ފުރުޞަތު ހުޅުވައިލާފައިވަނީ އިމަގުގެ 13ވަނަ ދައުރުގެ ހިންގާ ކޮމެޓީގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. އެ ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި އައު ދައުރަށް ކުރިމަތިލުމަށް ހުޅުވައިލާފައިވާ މަޤާމުތަކަކީ:
ޖަމިއްޔާގެ ރައީސް
ނައިބު ރައީސް (މާލެ)
ނައިބު ރައީސް (އަންހެން)
ނައިބު ރައީސް (ފިރިހެން)
ޖެނެރަލް ސެކްރެޓަރީ
އެޑްމިން ސެކްރެޓަރީ
ބަޖެޓް ސެކްރެޓަރީ
މީޑިއާ ކޯޑިނޭޓަރ
ސްޕޯޓްސް ކޯޑިނޭޓަރ
ޕްރޮޖެކްޓް ކޯޑިނޭޓަރ
ރިކްރިއޭޝަން ކޯޑިނޭޓަރ

މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީޚަކީ 5 މޭ 2026 ވާ އަންގާރަ ދުވަހުގެ ރޭ 00:00 އެވެ. މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން
https://forms.gle/ro5LNPGDkX1AYEzH6
މި ލިންކު މެދުވެރިކޮށް ގޫގުލް ފޯމު ފުރިހަމަކުރަން ޖެހެއެވެ.
ޖަމިއްޔާގެ މިހާރުގެ ރައީސް މޫސާ އަލީ މައުލޫމާތު ދެއްވި ގޮތުގައި، މިއީ ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ރޫހުގައި ތިބި ޒުވާނުންނަށް ލިބިގެންދާ ރަނުގެ ފުރުޞަތެކެވެ. މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތްކުރަން ބޭނުންވާ ކޮންމެ މީހަކަށް، ވަކިން ޚާއްޞަކޮށް ޒުވާނުންނަށް މިއީ ހުނަރުތައް އިތުރުކޮށް ޚިދުމަތް ކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އިމަގު ޖަމިއްޔާއަކީ އިހަވަންދޫގެ ތަރައްޤީއަށްޓަކައި މެދުކެނޑުމެއް ނެތި 30 އަހަރު ދުވަހު ގިނަގުނަ މަސައްކަތްތަކެއް ހިލޭ ސާބަހަށް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. މި އަހަރަކީ އެ ޖަމިއްޔާއަށް 30 އަހަރު ފުރޭ އަހަރަށްވުމާއެކު، އަހަރީ ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ. އެހެންކަމުން އައު ހިންގާ ކޮމެޓީއަކީ މި ހަރަކާތްތައް ރާވައި ހިންގުމުގައި އިސް ދައުރެއް އަދާކުރާނެ މެންބަރުންކަމަށް ބެލެވެއެވެ.

އިހަވަންދޫގައި ކުރިން އޮތް މަދަނީ ދެ ކުލަބު ކަމަށްވާ މޯނިންގ ކުލަބާއި އިވްނިންގ ކުލަބު އުވި ރަށުގެ ތަރައްޤީއަށާއި މަސްވެރިންނަށް އަދި ރަށުގެ އިޤްޞާދީ ތަރައްޤީއާއި އިޖްތިމާޢީ ކުރިއެރުމާއި ތައުލީމާއި ކުޅިވަރު ހީނަރުވަމުންދާނީ މިކަންތައްތައް ދިރުވާ އާލާކުރުމަށާއި އަދި ރަށުގެ މަސްވެރިންނާއި ޒުވާނުންނަކީ އެކުވެރިކަމާއި އެއްބައިވަންތަކަން އެކުލެވިގެންވާ އިޖްތީމާޢީ ގޮތުން ހޭލުންތެރި މުޖުތަމަޢެއްކަމުގައި ގާއިމްކުރުމުގެ މަޤުސަދުގައި  1996 ޖޫން 6 ވަނަ ދުވަހު ” އިހަވަންދޫ މަސްވެރިންގެ ގުޅުން ( އިމަގު ) “ ގެ ނަމުގައި ރަޖިސްޓްރީ ކުރެވުނު  އިމަގު ޖަމިއްޔާއިން ދަނީ ތަފާތުގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.