ހއ. އިހަވަންދޫގެ ތަރައްޤީއަށާއި އިޖުތިމާޢީ ކުރިއެރުމަށް މަސައްކަތްކުރާ އެންމެ ދުވަސްވީ ޖަމިއްޔާ ކަމަށްވާ “އިހަވަންދޫ މަސްވެރިންގެ ގުޅުން” (އިމަގު) ގެ ރައީސްކަމުގެ މަޤާމުގައި 9 ދައުރު ފުރުއްވާފައިވާ މޫސާ އަލީ، މިފަހަރުގެ އިންތިޚާބުގައި އެ މަޤާމަށް ވާދަނުކުރައްވާނެކަން ހާމަކުރައްވައިފިއެވެ.
މޫސާ އަލީ މިކަން ހާމަކުރެއްވީ މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އިމަގު ޖަމިއްޔާގެ 14 ވަނަ ދައުރުގެ ހިންގާ ކޮމެޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި ފުރުޞަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.
އިމަގު ޖަމިއްޔާގެ 5 ވަނަ ދައުރުން ފެށިގެން ޖެހިޖެހިގެން 9 ދައުރު ރައީސްކަން ކުރެއްވި މޫސާ އަލީ ވިދާޅުވީ، މީގެ ކުރިން އެ މަޤާމަށް ކުރިމަތިލެއްވީ ޖަމިއްޔާގެ ރައީސްކަމަށް ކުރިމަތިލާނެ މީހަކު ނުވެ، ޖަމިއްޔާގެ ހިންގުން ހުއްޓިދާނެތީ ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތު ހުރިގޮތުން އިތުރަށް ރައީސްކަމުގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. “އެކަމަކު މިހާރުގެ ހާލަތުން އެހައި އެހައްޔެއް ނޫން ރައީސް ކަމުގައި ހުންނާކަށް” މޫސާ އަލީ ވިދާޅުވިއެވެ.
މުސާ އަލީ އަކީ އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރަށް އިންތިހާބުވެފައިވާ އިންތިހާބީ ކައުންސިލަރެކެވެ. އިހަވަންދޫ ކައުންސިލަށް ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ހޯދެއްވި މޫސާ އަލީ ވަނީ 987 ވޯޓް ހޯއްދަވާފައެވެ. އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ ކައުންސިލް މިމަހުގެ 17 ވަނަ ދުވަހު މަޤާމުގެ ހުވާކުރާނެއެވެ.