ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫ ކައުންސިލަށް އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު ފިރާގާއި، އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއަށް އަމިއްލަ ގޮތުން ހޮވުނު ހަލީމަތު ހުރާސަތު ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.

މި ދެ ބޭފުޅުން ޕީއެންސީއަށް ސޮއިކުރައްވާނެކަން   މިއަދު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރައްވާފައެވެ. “ރައްޔިތުންގެ ޓީމް” ގެ ނަމުގައި ކެމްޕޭން ކުރައްވައި ކައުންސިލް ގޮނޑި ކާމިޔާބު ކުރެއްވި ފިރާގު ވިދާޅުވީ، ޕީއެންސީއާ ގުޅުމަށް ނިންމި ނިންމުމަކީ އޭނާގެ ކެމްޕޭން ޓީމާއި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ އިއްތިފާގުން ނިންމި ނިންމުމެއް ކަމަށެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބު ކުރެއްވި ހަލީމަތު ހުރާސަތު ވިދާޅުވީ، އިންތިހާބުވެއްޖެނަމަ  މަސައްކަތް ސީދާވާނީ އަދުގެ ސަރުކާރާއި ޕީއެންސީގެ ފަލްސަފާގެ މައްޗަށްކަން އެއީ ރައްޔިތުންނަށް އަބަދުވެސް އެގެންއޮތް ހަޤީގަތެއްކަމަށެވެ. އެހެންކަމުން ޕީއެންސީއަށް ސޮއިކުރަނީ ރައްޔިތުންގެ އަގުލަބިއްޔަތުން ހަވާލުކުރި މެންޑޭޓު ސާފުކޮށް ސާބިތުވެ އެ ޒިންމާ އެންމެ ފުރިހަމަޔަށް ފާޅުގައި އަދާކުރުމަށްޓަކާ ކަމުގައެވެ.

މިދިޔަ އިންތިހާބުގައި އިހަވަންދޫ ކައުންސިލާއި އ.ތ.މ ކޮމިޓީގެ އަގުލަބިއްޔަތު ހޯދާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. ފިރާގު ޕީއެންސީއަށް ގުޅިވަޑައިގަތުމާއެކު، އޭނާ ވެގެންދާނީ އިހަވަންދޫ ކައުންސިލްގައި އިންނަވާނެ ޕީއެންސީގެ ހަމައެކަނި މެންބަރަށެވެ. ހަމައެއާއެކު، ހުރާސަތު ވެގެންދާނީ އިހަވަންދޫ އ.ތ.މ ކޮމިޓީގައިވެސް ތަމްސީލުކުރައްވާ ޕީއެންސީގެ ހަމައެކަނި މެންބަރަށެވެ.