ޝެއިހް ޢަލީ ޒާހިރުގެ ބޮޑު ދަރުސް މިރޭ

މުޙައްމަދު އަކުރަމް

ވޮލެންޓަރީ ސާވިސް އޮފް އިހަވަންދޫ (ވީ.އެސް.އައި) ގެ މިއަހަރުގެ ރަމަޟާންމަހުގެ ހަރަކާތްތަކުގެ ތެރެއިން ބާއްވާ، ޝެއިހް ޢަލީ ޒާހިރުގެ ބޮޑު ދަރުސް މިރޭ އިހަވަންދޫ ހުރަވީ ދަނޑުގައި އޮންނާނެކަމަށް އެގުރޫޕުން ހާމަކޮށްފިއެވެ.

“ބިރުވެތި ވާށޭ” ނަމުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެދަރުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައެވެ. ވީ.އެސް.އައި އިން ހާމަކުރާ ގޮތުގައި މިރޭގެ ދަރުސްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ލެވޭގުރުއަތުން، ޕޮއިޒްގެ ފަރާތުން ހަދިޔާ ކޮށްފައިވާ އިނާމް ތަކެއް ލިބިގެންދާނެކަމުގައެވެ.

ވީ.އެސް.އައި އިން އިސްނަގައިގެން މިއަހަރުގެ ރަމްޟާން މަހަށް ހާއްސަކޮށް ގިނަ ދީނީ ޕުރޮގުރާމް ތަކެއް ދަނީ ކުރިޔަށް ގެންދަމުންނެވެ. ވީ.އެސް.އައިގެ ރައީސް ރީހާން ވިދާޅިވީ މިޕުރޮގުރާމްތައް ކުރިއަށްގެންދެވެނީ އިހަވަންދޫގެ ކުލަބު ޖަމިއްޔާތަކާއި އިހަވަންދޫ ޕޮލިސް ސްޓޭޝަން އަދި އިހަވަންދޫ ކައުންސިލްއިދާރާގެ އެހީތެރިކަމާއެކުގައި ކަމަށެވެ.