އަންނަ އަހަރު ދަނބުކުރި ޓީމު މައިކަޕުން ފެންނާނެ: މެނޭޖަރ ޞަބާހް

އިބްރާހިމް ނަޝީދު

5 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމު އެފްސީ ދަނބުކުރި މިއަހަރުގެ މައިކަޕް މުބާރާތުން ނުފެނުނު ކަމުގައިވިއަސް އަންނަ އަހަރުގެ މައިކަޕް މުބާރާތުން އެފްސީ ދަނބުކުރި ޓީމު ފެންނާނެ ކަމަށް ޓީމުގެ މެނޭޖަރަ އަލްފާޟިލް އަޙްމަދު ޞަބާހު ބުނެފި އެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމުގެ މެނޭޖަރ އިހަވަންދޫޑޮޓްކޮމް އާ ވާހަކަ ދައްކަމުން ބުނީ މިއަހަރުގެ މުބާރާތަށް ޓީމު ނުނެރެވުނީ އެކިކަހަލަ މައްސަލަތަކާ ކުރިމަތިވެގެން ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޓީމުގައި ކުޅުނު މުހިއްމު ކުޅުންތެރިން ނުލިބުމާއި މުބާރާތަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބުންފަދަ ސަބަބުތައް މެނޭޖަރ ފާހަގަ ކުރިއެވެ.

އިތުރަށް މެނޭޖަރ ބުނީ އަންނަ އަހަރުގެ ޓީމު ވަރުގަދަ ކުރުމަށް ވަރަށްބޮޑަށް މަސައްކަތް ކުރާނެ ކަމަށާއި މިދިޔަ އަހަރު ތަށި ހޯދައިދިން ކޯޗް ހަމްޒާ އިބްރާހީމް ޓީމަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ. މިދިޔަ އަހަރު އެފްސީ ދަނބުކުރި އަތުން ފައިނަލުގައި ބަލިވި ނަފުސު ވަޔަށްކެހޭ އަށް މިއަހަރު ކޯޗްކަން ކޮށްދޭ ހަމްޒާއަކީ އިހަވަންދޫގައި ހުރި އެންމެ “ބަރާބަރު” ކޯޗް ކަމަށާއި ހަމްޒާ ޓީމާ ގުޅިއްޖެނަމަ ޓީމާ ދޭތެރޭ ކުރެވޭ އުއްމީދު ބޮޑުވާނެކަމަށް މެނޭޖަރ ބުނެޏެވެ. މިކަމާ ގުޅިގެން މިއަދު ކުޅޭ 6 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި އިރުވެލި ފުޓުބޯލް ޓީމާ ދެކޮޅަށް ނިކުންނަ ކޯޗް ހަމްޒާ ބުނީ އަންނަ އަހަރު ހުންނާނެ ޓީމެއް ނިންމާނީ ވަގުތު ޖެހުމުން ކަމަށެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމުގެ ގޮތުގައި ދަނބުކުރި ޓީމަށް ލިބުނު ފައިސާއާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާއިރު ޞަބާހުވަނީ އެފައިސާއާ މެދު ކަންވީގޮތް އިހަވަންދޫޑޮޓްކޮމް އަށް ކިޔައިދީފަ އެވެ. “މިދިޔަ އަހަރު ޗެމްޕިއަންކަން ލިބުމުން ޓީމާއެކު ބައްދަލުވުމެއް ބޭއްވިން. އެބައްދަލުވުމުގައި ފައިސާއާމެދު ކަންތައް ކުރާނެގޮތަކާމެދު ދެ ޙިލެއް ހުށައެޅުނު. އެއްގޮތަކީ އެފައިސާ އިހަވަންދޫގެ ފުޓުބޯޅަ ކުރިއެރުވުމަށް ހޭދަކުރުން. އަނެއް ގޮތަކަށް ހުށައެޅުނީ ދަނބުކުރިން ނެރޭ ޓީމަށް އެފައިސާ ހަރަދު ކުރުމަށް ބެހެއްޓުން. އެގޮތުގެ މަތިން އަދިވެސް އެފައިސާ އެހުރީ” ޞަބާހު ކިޔައިދިނެވެ.

ޞަބާހު ބުނީ މިދިޔަ އަހަރުގެ ތަށި ކާމިޔާބުކުރެވުނީ ހުރިހައި އެއްމެން ގުޅިގެން ވަރަށް ފޯރިޔާއި ޖޯށުގައިކުރި ބުރަ މަސައްކަތުންކަމަށާއި އެޓީމުގައި ތިބި ކުޅުންތެރިން އަންނަ އަހަރު އެކާމިޔާބީ ތަކުރާރު ކުރުމަށް މަސައްކަތް ކުރާނެކަމަށް އުއްމީދުކުރާ ކަމަށެވެ.