ވީ.އެސް.އައި، ޔުނިޓީގެ ނަމުގައި ރަޖިސްޓްރީކޮށްފި!

މުޙައްމަދު އަކުރަމް

އިހަވަންދޫގައި އިޖްތިމާއީގޮތުން ހަރަކާތްތަކެއް ހިންގަމުންއަންނަ ޒުވާން ގުރޫޕެއް ކަމުގައިވާ ވީ.އެސް.އައި (ވޮލަންޓަރީ ސާވިސް އޮފް އިހަވަންދޫ)، ޔުނިޓީގެ ނަމުގައި ޖަމިއްޔާއެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމަންޓަގައި ރަޖިސްޓްރީކޮށްފިއެވެ.

ވީ.އެސް.އައި ބޮޑަށް ފާހަގަކުރެވިފައިވަނީ އިސްލާމްދީނުގެ ސައްހަ އަގީދާ މުޖުތަމައުގައި ފެތުރުމުގައި ގިނަހަރަކާތްތަކެއް ހިންގަމުންއަންނަ ގްރޫޕެއްގެ ގޮތުގައެވެ. އެގޮތުން ޝެއިހުން އިހަވަންދޫއާއި އިހަވަންދިއްޕޮޅުގެ ރައްތަކަށްގެނެސް ކާމިޔާބު ހަރަކާތްތަކެއްވަނީ ހިންގާފައެވެ. އެގޮތުން މިހާތަނަށް އިހަވަންދޫގައި ދިނީ ދަރުހަކަށް އެންމެގިނަމީހުން ޒިޔާރަތްކޮށްފައިވަނީ މިދިޔަ ރޯދަމަހު އެގުރޫޕުން ‘ބިރުވެތިވާށޭ!” ގެނަމުގައި ކުރިޔަށްގެންދިޔަ އިވެންޓަށްކަން ފާހަގަކުރެވެއެވެ.

ޔުނިޓީގެ ފުރަތަމަ ދައުރުގެ ރައީސް ހުސައިން ރީހާން މައުލޫމާތު ދެއްވިގޮތުގައި ޔުނިޓީ ޖަމިއްޔާ އިފްތިތާހުކުރުމުގެ ޖަލްސާއަށް މިހާރުދަނީ ތައްޔާރުވަމުންނެވެ. އަދި ޖަމިއްޔާގެ އިވެންޓްތައް މިހާރުވެސް ކުރިޔަށް ރޭވިފައިވާކަމަށާއި އެގޮތުން އެންމެ ފުރަތަމަ އެޖަމިއްޔާއިން ހިންގާ އެއްހަރަކާތެއްގެ ގޮތުގައި އިހަވަންދޫގެ މަގުތަކުގެ ހާލަތަށް ކޮންމެވެސް ވަރެއްގެ ހައްލެއްހޯދުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމުގައި ރީހާން މައުލޫމާތު ދިނެވެ.