Banner Image Description

އިރުމަތީ އަވަށު ޒުވާނުންގެ އިސްނެގުމާއެކު ހުރަވީ ދަނޑުގައި ޓާފު އަޅަނީ

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫ އިރުމަތީ އަވަށުގައި އުފެދިފައިވާ ފުޓުބޯޅަ ޓީމުކަތުގެ އިސްނެގުމާއެކު އިހަވަންދޫ ހުރަވީ ދަނޑުގައި ޓާފު އެޅުމަށް ނިންމާ އެކަން އިޢުލާނު ކޮށްފިއެވެ.

ރޭ ހުރަވީ ދަނޑުގައި ކުޅެވުނު އިހަވަންކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ހާފުޓައިމްގައި ގެންދިޔަ ކުރު ރަސްމިއްޔާތުގައި މިކަން އިޢުލާނުކޮށް، ޓީމުތަކާމެދު ވެވޭ އެއްބސްވުމުގައި ވަނީ ސޮއި ކޮށްފައެވެ.


ކުލަބު ޕޯލްސްޓަރގެ ރައީސް މުހައްމަދު ސުޖާޢު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިހަވަންދޫގެ އިރުމަތީ އަވަށު ފުޓިބޯޅަ ޓީމުން އިސްނަގައިގެން އެކުލަބާ ބައްދަލުކޮށް ހުރަވީ ދަނޑުގައި ޓާފު އެޅުމުގެ މަސައްކަތް ކުރުމަށް އިސްނެގި ހިނދު އެކަމަށް ޕޯލްސްޓަރ އިން އެހީތެރިވުމަށް ނިންމާފައިވާ ކަމަށެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ކުލަބު ޕޯލްސްޓަރ ގެ ފަރާތުން މިމަސައްކަތް ކޮށްދިނުމަށް ވެވުނު އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުލަބުގެ ރައީސް މުޙައްމަދު ސުޖާޢު އެވެ. ޓާފު އެޅުމުގެ މަސައްކަތުގައި އެހީތެރިވެ ދިނުމަށް ފުޓުބޯޅަ ޓީމުތަކުން ކޮންމެ ޓީމަކުން 30،000 ރުފިޔާގެ ފައިސާގެ އެހީއާއެކު އެއްބަސްވުމުގައި ސޮއި ކޮށްފައި ވެއެވެ. މިގޮތުން ޔުނައިޓެޑު ޔޫތުގެ ފަރާތުން ނައުފަލް އިބުރާހިމް، ޖަންގަލް ޓީމުގެ ފަރާތުން ހުސެއިން ފަޔާޒް، އަރާދުވާ ޓީމުގެ ފަރާތުން ޢަބުދުﷲ ރަމީޒު، ގަބީލާ އެފްސީގެ ފަރާތުން އަޙްމަދު ރިލްވާން، އެންވީކޭގެ ފަރާތުން މުޙައްމަދު އަޖުވަދު އަދި ނިކަ ޓީމުގެ ފަރާތުން މޫސާ ރާޝިދު ވަނީ އެއްބަސްވުމުގައި ސޮއި ކޮށް ފައިސާގެ އެހީގެ ރަމްޒީ ޗެކު ކުލަބު ޕޯލްސްޓަރއާ ހަވާލުކޮށްފައެވެ. މިޗެކްތަކާ ހަވާލުވެލެއްވީ، ކުލަބުގެ ރައީސް މުޙައްމަދު ސުޖާޢު އަދި ކުލަބުގެ މުއައްސިސުން ކަމުގައިވާ ހުސެއިން ރަޝީދު އަދި އަޙުމަދު އިބުރާހިމް އެވެ.

ކުލަބު ޕޯލސްޓަރ އިން ބުނެފައިވަނީ އިހަވަންދޫ ހުރަވީދަނޑު ޓާފުއަޅާ ތަރައްޤީކުރުމަށްޓަކައި ޒުވާނުންގެ އިސްނެގުމާއެކު ކުލަބު ޕޯލްސްޓަރއިން މިކަމުގެ މޭސްތެރިންގެ ގޮތުގައި ހަރަކާތްތެރިވެ، މިހިނގާ 2021 ވަނަ އަހަރުތެރޭ މިމަސައްކަތްކޮށް ނިންމުމަށް އުއްމީދު ކުރާކަމަށެވެ.

ކުލަބު ޕޯލްސްޓަރގެ ރައީސް މުހައްމަދު ސުޖާޢު ވިދާޅުވީ މިމަސައްކަތަށް ގާތްގަނޑަކަށް 1 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާއިރު، ޓީމުތަކުން ދޭން އެއްބަސްވި ފައިސާ އަންނަ ފެބުރުވަރީ މަހުގެ ނިޔަލަށް ދޭން އެއްވަސްވެފައިވާއިރު، އިހަވަންދޫ ކައުންސިލުންވެސް މިމަސއްކަތުގައި އެއްބާރުލުން ދެއްވާނެ ކަމަށް ދަންނަވާފައިވާ ކަމަށެވެ. އަދި ހއ. އިހަވަންދޫ ރަންމެދުގެ، އަޙުމަދު ނަސީރުވެސް މިމސައްކަތަށް ވަރަށްބޮޑު އެހީތެރިކަމެއް ދެއްވާނެކަމަށް ދަންނަވާފައިވާ ކަމަށް ސުޖާއު ވިދާޅުވިއެވެ.