ޚަބަރު

އެމްއެންޔޫގެ އިހަވަންދޫ އައުޓްރީޗް ސެންޓަރުގައި ހިންގާ ކޯސްތަކަށް ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އިހަވަންދޫ އައުޓްރީޗް ސެންޓަރުގައި މިއަހަރުގެ ފުރަތަމަ  ސެމިސްޓަރގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. އެމްއެންޔޫއިން މަޢުލޫމާތު ދެއްވި ގޮތުގައި، އަލަށް ތަޢާރަފު ކުރާ މި ކޯސްތަކަކީ ތަޢުލީމީ ދާއިރާއާއި، މެނޭޖްމަންޓް އަދި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއިން ޤާބިލު މާހިރުން ބިނާކުރުމަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކެކެވެ. މިއީ މި ދާއިރާތަކުން ފަންނީ މީހުންގެ ބޭނުންތެރިކަން އިތުރުވަމުންދާތީ، އެ ބޭނުންތައް ފުއްދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އިހަވަންދޫ އައުޓްރީޗް ސެންޓަރުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ:
  1. އެޑްވާންސް ސެޓްފިކެޓް އިން އެޑިޔުކޭޝަން (ތައުލީމީ މެނޭޖްމަންޓް އަދި ލީޑަރޝިޕް): މި ކޯހުގެ މުއްދަތަކީ 2 ސެމެސްޓަރ (އެއް އަހަރު) އެވެ.
  2. މާސްޓަރސް އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަން މެނޭޖްމަންޓް އެންޑް ލީޑަރޝިޕް): ފުލްޓައިމްކޮށް 'ބްލެންޑެޑް' މޯޑަށް ހިންގާ މި ކޯހުގެ މުއްދަތަކީ 2 ސެމެސްޓަރ (އެއް އަހަރު) އެވެ.
  3. އެޑްވާންސް ސެޓްފިކެޓް އިން މެނޭޖްމަންޓް: ފުލްޓައިމްކޮށް ހިންގާ މި ކޯހުގެ މުއްދަތަކީ 2 ސެމެސްޓަރ (އެއް އަހަރު) އެވެ.
  4. ބެޗްލަރ އޮފް ހިއުމަން ރިސޯސަސް މެނޭޖްމަންޓް: ފުލްޓައިމްކޮށް 'ބްލެންޑެޑް' މޯޑަށް ހިންގާ މި ކޯހުގެ މުއްދަތަކީ 6 ސެމެސްޓަރ (ތިން އަހަރު) އެވެ.
އެމްއެންޔޫއިން ބުނީ، މި ކޯސްތަކަކީ ތަޢުލީމީގޮތުން ފުންކޮށް ދިރާސާކުރުމާއި އަމަލީ ތަޖުރިބާ އެކުލެވިގެންވާ ގޮތަށް ބައްޓަންކޮށްފައިވާ ޕްރޮގްރާމްތަކެއް ކަމަށެވެ. އަދި ވަޒީފާ އަދާކުރާ ފަރާތްތަކަށް ލުއިފަސޭހަވާނެހެން ވަކި ކޯސްތަކެއް ބްލެންޑެޑް އޮޕްޝަނާއެކު ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ފުރުޞަތާ ގުޅޭގޮތުން ޔުނިވަރސިޓީން އިތުރަށް ހާމަކުރި ގޮތުގައި، އައުޓްރީޗް ސެންޓަރުތަކުގެ މައިގަނޑު މަޤްޞަދަކީ ސަރަހައްދީ ފެންވަރުގައި ތަޢުލީމީ ހަރުދަނާކަން އިތުރުކުރުމާއި، ދަރިވަރުންގެ ކެރިއަރު ކުރިއެރުވުމަށް އެހީތެރިވުމެވެ. މީގެ އިތުރުން ޤައުމީ ފެންވަރުގައި ޤާބިލު އިންސާނީ ވަޞީލަތްތައް ބިނާކުރުމަށްވެސް މި ސެންޓަރުތަކުން ބޮޑު ދައުރެއް އަދާކުރެއެވެ. އިހަވަންދޫ ސެންޓަރުގައި ހިންގާ މި ކޯސްތަކާ ބެހޭ އިތުރު ތަފުޞީލުތައް އެމްއެންޔޫގެ ރަސްމީ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ. މިކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު މުއްދަތަކީ މިހިނގާ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ 14:00 އެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައުޓްރީޗް ކެމްޕަސްއެއް ހއ. އިހަވަންދޫގައި ހިންގުމަށް، އިހަވަންދޫ ކައުންސިލުން އިމާރާތް ކޮށްފައިވާ ޕްރީސްކޫލް އިމާރާތް އެމްއެންޔޫއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެސެޕްޓެމްބަރ މަހުގެ 14 ވަނަ ދުވަހުއެވެ.
.