ޚަބަރު

ޝުމޮން މަރަން ކުރި ހުކުމުގެ އިސްތިއުނާފު ހައިކޯޓުގައި މިއަދު ފަށަނީ

ޝުމޮން މަރަން ކުރި ހުކުމުގެ އިސްތިއުނާފު ހައިކޯޓުގައި މިއަދު ފަށަނީ

އިއްސެ މަރާލި ސުމޮން މިއާ

Advertisement Advertisement

ހއ. އިހަވަންދޫގައި ހުންނަ މިފްކޯގެ އައިސްޕްލާންޓެއްގެ ތެރޭގައި 2017 ވަނަ އަހަރު، ޅ. ހިންނަވަރު / އަތިރީގޭ، އިސްމާއީލް އުމަރު (އިއްސެ) އަށް ހަމަލާދީ ރަޙުމްކުޑަ ގޮތަކަށް މަރާލިކަން ސާބިތުވެ، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝުމޮން މިއާ މަރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ކަށަވަރުކުރުމަށް (ނިހާއީ ހުކުމަކަށް ހެދުމަށް) ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މައްސަލައިގެ އިސްތިއުނާފު ހައިކޯޓަށް ހުށަހެޅިތާ ގާތްގަނޑަކަށް 4 އަހަރު ވެފައިވީނަމަވެސް، މިހާތަނަށް އައިއިރު އަޑުއެހުންތައް އޮތީ ނުފެށިއެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަދަށެވެ.

ހާދިސާ ހިނގި ގޮތާއި ދައުލަތުގެ ދައުވާ

ޝުމޮން މިއާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ލާއިންސާނީ އަމަލު ހިންގާފައިވަނީ 16 ޖޫން 2017 ގައެވެ. އެރޭ އިއްސެ، އައިސް ޕްލާންޓުގެ އެކޮމޮޑޭޝަން ބްލޮކުގައި ނިދާފައި އޮއްވައި، ޝުމޮން ވަނީ ތޫނު އެއްޗަކުން އޭނާއަށް ހަމަލާދީފައެވެ. 

ކުށަށް އިއުތިރާފުވުމާއި މަރާލި ސަބަބު

ފުލުހުންގެ ތަހުގީގު މަރުހަލާގައްޔާއި ކްރިމިނަލް ކޯޓުގެ އިބްތިދާއީ އަޑުއެހުންތަކުގައި ޝުމޮން ވަނީ އޭނާ އިއްސެ މަރާލިކަމަށް އެއްބަސްވެ، އެ ހާދިސާ ހިނގައިދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ.

އޭނާ ކޯޓުގައި ބުނެފައިވާ ގޮތުން އިއްސެ މަރާލަން ނިންމި މައިގަނޑު ދެ ސަބަބެއްވެއެވެ:

  • އިތުރުގަޑީގެ ފައިސާ ނުލިބުން: އޭނާ ކުރި މަސައްކަތުގެ އިތުރު ގަޑީގެ (އޯވަޓައިމް) ފައިސާ ނުދިނުން.

  • ފޯނުން ވާހަކަދެއްކުމަށް ހުރަސްއެޅުން: އޭނާގެ އަންހެނުންނާ ފޯނުން ވާހަކަ ދައްކަން އިންނަ ވަގުތުތަކުގައި، އިއްސެ އެކަމާ ހިތްހަމަނުޖެހި ޝަކުވާކުރުން.

އިއުތިރާފުން ރުޖޫއަވުން

ޝަރީއަތް ނިމުމަކާ ގާތްވެ، މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމުގައި ޝުމޮން ވަނީ ކުއްލި ގޮތަކަށް އޭނާގެ އިއުތިރާފުން ރުޖޫއަވެ، ދައުވާއަށް އިންކާރުކޮށްފައެވެ.

ބަޔާން ބަދަލުކުރި ސަބަބާ ގުޅޭގޮތުން މައްސަލަ ބެއްލެވި ގާޒީ ސުވާލުކުރެއްވުމުން ޝުމޮން ބުނީ، އޭނާ ކުރިން ކުށަށް އެއްބަސްވީ ފުލުހުން މަޖުބޫރުކޮށްގެން ކަމަށެވެ. އަދި އޭނާއާއެކު ހައްޔަރުކުރި އަނެއް ދެމީހުންނާއެކު އެއް ގޮޅިއެއްގައި ބަހައްޓާނެކަމަށް ފުލުހުން ބުނުމުން ކަމަށްވެސް އޭނާ ބުންޏެވެ. (މި މައްސަލައިގައި މަރު ފޮރުވުމުގެ ދައުވާ އުފުލި އަނެއް ދެމީހުންގެ މައްޗަށް ކުށް ސާބިތުނުވުމުން ކޯޓުން ވަނީ އެމީހުން ދޫކޮށްލާފައެވެ).

ޝުމޮންގެ މި ތުހުމަތުތަކާ ގުޅިގެން، ތަހުގީގުގައި ހަރަކާތްތެރިވި 3 ފުލުހަކު ވަނީ ޝަރީއަތަށް ހާޒިރުކޮށްފައެވެ. އަދި ޝުމޮންއަށް އެއްވެސް ބިރުދެއްކުމެއް ނުވަތަ މަޖުބޫރުކުރުމެއް ކުރިމަތިކުރުވިތޯ ގާޒީ ސުވާލުކުރެއްވުމުން، ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން

މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ ޢަލީ އާދަމް އިއްވެވި ހުކުމުގައި ފާހަގަކުރައްވާފައިވަނީ، ޝަރީއަތުގެ އެންމެ ފަހު މަރުހަލާގައި ޝުމޮން ދައުވާއަށް އިންކާރުކުރި ނަމަވެސް، އެއީ އޭނާ ކުރިން ވެފައިވާ ސާފު އިއުތިރާފުން ރުޖޫއަވެވޭނެ ފަދަ މަގުބޫލު ސަބަބެއް ކަމަށް ޝަރީއަތަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އެހެންކަމުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ޝުމޮން މިއާގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކޯޓުން ކަނޑައެޅިއެވެ. ކުށް ސާބިތުވުމާއެކު، އިއްސެގެ ތިން ވާރިސުންގެ ބަސް ކޯޓުން ހޯދިއިރު، އެ ތިން މީހުންވެސް އެދިފައިވަނީ މަރަށް މަރު ހިފުމަށެވެ (ޤިޞާޞް ހިފުމަށެވެ). މިއާއެކު ގާޒީ ޢަލީ އާދަމް ވަނީ ޝުމޮން މިއާ މެރުމަށް ހުކުމް ކުރައްވާފައެވެ.

މަރުގެ މައްސަލަތަކުގައި ދަށު ކޯޓުން އިއްވާ ހުކުމްތައް ތަންފީޒުކުރުމުގެ ކުރިން، ހައިކޯޓާއި ސުޕްރީމް ކޯޓުން އެ ހުކުމެއް ކަށަވަރުކުރަންޖެހޭތީ، މިއަދު ފެށިގެން މިދަނީ އެ މަރުހަލާގެ އަޑުއެހުންތަކެވެ.

ޤުޅުންހުރި ބައެއް ލިޔުން

 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް