ހއ. އިހަވަންދޫ އައިސްޕްލާންޓުގައި އުފައްދާ އައިސް، މަސްވެރި އުޅަނދުތަކަށް އައިސް އުފުލުމަށްޓަކައި އިހަވަންދޫ ކައުންސިލުން ހަވާލުކޮށްފައި އޮންނަ ލޮރީ ހަލާކުވިތާ ގިނަ ދުވަސްތަކަކަށްފަހު އަލުން ބޭނުންކުރަން ފަށައިފިއެވެ.
ލޮރީ ހަލާކުވެ ދަމާ ގާޑިޔަލުގައި އައިސް އުފުލަންޖެހޭތީ، މަސްވެރިން ޝަކުވާކުރާތާ 9 ވަރަކަށް މަސް ދުވަސް ވެއްޖެއެވެ. އެމައްސަލަ އެންމެފަހުން އިހަވަންދޫ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައިވެސް ފާހަގަކޮށްފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ކައުންސިލް ހަވާލުކޮށްފައިވާ ލޮރީގެ ހިދުމަތް ނުލިބޭތީ ލޮރީ މަރާމާތުކުރުމަށް، އިހަބަންދޫ ކައުންސިލުން މިފްކޯއަށްވަނީ ވަރަށްބޮޑަށް ޕްރެޝަރ ކޮށްފައެވެ.
އިހަވަންދޫ ކައުންސިލުން، އިހަވަންދޫ އައިސްޕްޅާންޓަށް އެ ލޮރީ ހަވާލުކުރީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އައިސް އުފުލުމުގައި މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، އިހަވަންދޫ ކައުންސިލްގެ އެދިލެއްވުމުގެ މަތިން ކައުންސިލަށް އެ ލޮރީ ހަދިޔާ ކޮށްފައިވަނީ، ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓިއޯ) އިންނެވެ. އިހަވަންދޫ އައިސް ޕްލާންޓް ހުޅުވުނު ދުވަހުން ފެށިގެން، އައިސް އުފުލާނެ އިންޖީނުލީ އުޅަނދެއް ނެތުމުގެ ސަބަބުން، އުޅަނދުތަކާއި ހަމަޔަށް މަސްވެރިން އައިސް އުފުލަމުންދިޔައީ ދަމާ ގާޑިޔަލުގައެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް