ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މިއަހަރު ޖުމްލަ 113 ބޭފުޅަކަށް އެރުވިއިރު، އެ ފަޚުރުވެރި ލިސްޓުގައި ހއ. އިހަވަންދޫގެ 3 ބޭފުޅަކު ހިމެނިވަޑައިގެންފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވި ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް ލިބިވަޑައިގެންނެވިއެވެ. މި އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ ޝަރަފުގެ ބެޖަކާއި އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ. މީގެ އިތުރުން، ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް މި އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައިވެސް އިނާމު ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
ދައުލަތަށް ޚިދުމަތްކުރުމުގެ ޤައުމީ އިނާމް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އިހަވަންދޫ ސްކޫލަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި މައިމޫނާ ޢަބުދުއްޞަމަދު، ނަސްފަރު، ހއ. އިހަވަންދޫ (37 އަހަރު) އަދި އައިމިނަތު ޢަބުދުއްސައްތާރު، އައިރިސް، ހއ. އިހަވަންދޫ (36 އަހަރު) ހިމެނިވަޑައިގަންނަވައެވެ. ހަމައެހެންމެ، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޝުޒައިލް މުޙައްމަދު، ނީލޯފަރުގެ، ހއ. އިހަވަންދޫ އަށް މަތީ ދަރަޖައިގެ އިނާމު ލިބިވަޑައިގަތެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މިއަހަރު ލިބިވަޑައިގަތީ ޖުމްލަ 57 ބޭފުޅުންނަށެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ޙާޞިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ޙާޞިލުކުރެއްވި 6 ބޭފުޅުންނާއި، ލެވެލް 7، ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ޙާޞިލުކުރުމުގައި އެންމެ މަތީ ވަނަ ހޯއްދެވި 50 ބޭފުޅުން ހިމެނެއެވެ. އަދި ބައިނަލްއަޤުވާމީ މަޢުރަޒަކުން، މުބާރާތަކުން ނުވަތަ އެ ނޫންވެސް ބައިނަލްއަޤުވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން އެއް ފަރާތަކުން ވެސް އިނާމު ޙާޞިލުކުރިއެވެ. ޚާއްޞަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
މި އަހަރުގެ އިނާމުތަކަށް ޙައްޤުވެރި ބޭފުޅުން ހޮއްވެވުމުގެ މުހިންމު އަދި ޒިންމާދާރު މަސައްކަތް ކުރިއަށް ގެންދެވީ ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް