Banner Image Description

ފަހަތުން އަރައި މުރައިދޫ ބަލިކޮށް އިހަވަންދޫއިން އަތޮޅު ފައިނަލަށް!

އިސްމާއިލް ހައްމާޒް

ފަހަތުން އަރައި 4-2 ގެ ނަތީޖާ އަކުން މުރައިދޫ ބަލިކޮށް ގްރޫޕްގެ ތިން މެޗުންވެސް މޮޅުވެ އިހަވަންދޫއިން ގޯލްޑެން ފުޓްސަލް ޗެލެންޖު 2022 ގެ ހއ.އަތޮޅު ފައިނަލަށް ދަތުރުކޮށްފިއެވެ. މި މޮޅާއެކު، އިހަވަންދޫ ފުޓްސަލް ކުލަބުން މި ވަނީ ޒޯން 1 ގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
މިރޭގެ މެޗު ފަށައިގެން މޮޅަށް ކުޅެ އިހަވަންދޫގެ ޓީމުން ވަނީ މެޗުގެ ކުރީ ކޮޅު ލީޑް ނަގާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ އިހަވަންދޫ ޓީމުގެ ޖާޒީ ނަމްބަރު 23 ހުސައިން ނަޝީދެވެ. މި ލަނޑާއެކު ދެން ފެނިގެން ދިޔައީ މުރައިދޫގެ ޓީމުން ކުޅުން ރަނގަޅު ކުރިތަނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި މުރައިދޫގެ ޓީމުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަ ހަމަ ކޮށްފައެވެ.ލިބުނު ހިލޭ ޖެހުމަކުން އެރި ގޮތަށް އަރައި މި ލަނޑު ކާމިޔާބު ކޮށްދިނީ މުރައިދޫގެ ޖާޒީ ނަމްބަރ 17 އިޔާނެވެ.

ދެވަނަ ހާފަު ފަށައިގެން ހަވަނަ މިނެޓްގައި މުރައިދޫއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 2-1 ބަދަލުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖާޒީ ނަމްބަރު 10 ނައުފަލްއެވެ. މި ލަނޑާއުކު އިހަވަންދޫ ގެ ކުޅުން ރަނގަޅު ކުރިއެވެ. އެއާއެކު، ކައިރި ކައިރީގައި އިހަވަންދޫއިން ދިޔައީ މުރައިދޫގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗުގެ 11 ވަނަ މިނެޓުގަ އިހަވަންދޫގެ ކައުންޓަރ އެޓޭކެއްގައި މުރައިދޫގެ ޖާޒީ ނަމްބަރު 10 އެއް ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑާއެކު އޭނާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މާ ލަސް ތަކެއް ނުވެ ފުރުސަތުގެ ބޭނުން ހިފައި އޭގެ މިނެޓެއް ފަހުން އިހަވަންދޫއިން ނަތީޖާ ހަމަހަމަ ކުރިއެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހާސިލު ކުރި އެ ޓީމުގެ ޖާޒީ ނަމްބަރު 10 އިބްރާހީމް ހާމިދެވެ. އެއާއެކު އިހަވަންދޫއަށް ފައިނަލުގެ އުއްމީދު ބޮޑޮ ކޮށްދިނީ މެޗު ނިމެން 4 މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީ އަކުުން އެޓީމަށް ދެވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިން ހާމިދެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެފައި ވަނިކޮށް އިހަވަންދޫގެ ޖާޒީ ނަމްބަރު 99 ހަސަން ޝާމިލް ޖަހައިދިން ލަނޑުން ވަނީ މެޗުގެ ނަތީޖާ 4-2 އަކަށް ބަދަލުކޮށްފައެވެ.

މި މޮޅާއެކު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 9 ޕޮއިންޓާއެކު ގުރޫޕް 2 އެއްގެ އެއް ވަނަ އިހަވަންދޫއިން ހޯދިއިރު 4 ޕޮއިންޓައެކު ދެވަނައަށް ދިޔައީ މިރޭގެ މެޗުން ބަލިވި މުރައިދޫއެވެ. ތިން ވަނައަށް ދިޔައީ 2 ޕޮއިންޓާއެކު ކެލާއެވެ. އެންމެ ޕޮއިންޓަކާއެކު ބާރަށް އޮތީ ގްރޫޕުގެ ފުލުގައެވެ.

ހއ. އަތޮޅުގެ ފައިނަލުގުގައި އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫއިން ވާދަ ކުރާނީ ގްރޫޕް އެކަކުން އެއް ވަނަ ހޯދި އަވައްޓެރި ހޯރަފުއްޓާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ 27 ފެބުރުވަރީ ވާ އާދިއްތަ ދުވަހުގެ ރޭ 8:15 ގައެވެ.