މައި ކަޕް 2019: ފުރިހަމަ ބާރާއެކު ކުޅިމަގު ކުއާޓަރއަށް

އިބްރާހިމް ނަޝީދު

ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހައި މެޗަކުން މޮޅުވެ 9 ޕޮއިންޓާއެކު ގްރޫޕް ތިނެއްގެ 1 ވަނަ ޓީމުގެ ގޮތުގައި ކުޅިމަގު މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ކުޅިމަގު ޓީމުންވަނީ އެ ގްރޫޕްގައި ހިމެނޭ އަރާދުވާ އަދި ގަބީލާ 2-0 ން ބަލިކޮށްފައެވެ. އަދި ގްރޫޕް ސްޓޭޖްގައި އެޓީމުން ކުޅުނު ފަހު މެޗުގައި ރޭ ވަނީ ސެންސިޓީގެ މައްޗަށް 2-1 ން ކުރިހޯދައިފައެވެ.

ފުރިހަމަ ބާރާއެކު ކުއާޓަރ ފައިނަލަށް ކުޅިމަގު ދަތުރުކޮށްފައިވާއިރު މި އަހަރުގެ މުބާރާތުގައި އެޓީމުން ވަނީ 6 ގޯލް ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ ބައިކޮޅަށް ވަދެފައިވަނީ 1 ގޯލެވެ.

ކުއާޓަރ ފައިނަލްގައި ކުޅިމަގު ބައްދަލުކުރާނީ ގްރޫޕް 1ގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓަރ ފައިނަލުން ޖާގަ ހޯދި މާރަންދޫ ބަނޑޭރި ސްޓަރ ސްޕޯޓްސް ކުލަބާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 15 ވަނަ ދުވަހުގެ ހަވީރެވެ.