އަންބަރުމަސް މައިޒާނުގެ ނަމުގައި ކައުންސިލުން މައިޒާނެއް ތަރައްޤީކުރަނީ

މުޙައްމަދު އަކުރަމް

އަންބަރުމަސް މައިޒާނުގެ ނަމުގައި މައިޒާނެއް ތަރައްޤީކުރަން ނިންމާފައިވާކަން އިހަވަންދޫ ކައުންސިލުން އިއުލާން ކޮށްފިއެވެ. މިކަން ކައުންސިލުން އިއުލާނުކުރީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ އިހަވަންދޫ މަދަރުސާގައި އޮތް ރައްޔިތު ބައްދަލުވުމުގައެވެ.

ކައުންސިލުން ހިންގުމަށް ރާވާފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ އަންބަރުމަސް ނަމުގައި ހަދަން ގަސްތުކުރާ މައިޒާނަކީ، މިހާރު މިސްކިތް މަގުގައި އޮތް މައިޒާނާއި އެއްފަދަ ގޮތަކަށް ތަރަށްޤީކުރަން ގަސްތުކުރާ މައިޒާނެއްކަމުގައެވެ. ރައީސް ވިދާޅުވީ އެމައިޒާނުގެ މަސައްކަތް މިއަހަރުތެރޭ ފެށި އަންނަ އަހަރަށް ނިންމާލެވޭތޯ މަސައްކަތްކުރާ ކަމަށެވެ. އަންބަރުމަސް މައިޒާން ތަރައްޤީކުރުމަށް ނިންމާފައިވަނީ މިހާރުގެ “ޤަބީލާ” ސަރަހައްދުގައެވެ.

ބެލެވޭގޮތުގައި މިމައިޒާނަށް އަނަބަރުމަސް މައިޒާނުގެ ނަމުން ނަންދެނީ، 1960 އަހަރު ތަކުގެ ފަހުކޮޅު އިހަވަންދޫ ދޯނިތަކަކުން ކަފުޖަހައިގެން ގެނަ އަންބަރުމަހަށް ނިސްބަތްކޮށެވެ. އެމަސް ގެނެސް ބާއްވާފައިއޮތީ އިހަވަންދޫ އިރުމަތީ ފަރާތުން މިހާރުގެ “ޤަބީލާ” ސަރަހައްދުގައި ކަމަށްވެއެވެ. އެއަންބަރު މަހާ ބެހޭގޮތުން މިރަށު ގުލްފާމްގެ އަލްމަރުހޫމް، އަބުދުﷲ މޫސާ ހައްދަވާފައިވާ ޅެމުގައި، އެމަހުން ރަށަށްލިބުނު ތިޔާގިކަމާއި އޭރެގު މީހުންގެ ދިރިއުޅުމަށްކުރި އަސަރު ވަރަށްފަށުވި އިބާރާތުން ބަޔާންކޮށްދީފައިވެއެވެ. އަންބަރުމަހަކީ، މާވަހަރުމަސް ނުވަތަ އިނގިރޭސިބަހުން ނަމަ ސްޕާމް ވޭލްއެވެ. މާވަރު ނުވަތަ ގޮމަ އުފައްދަނީ ހަމައެކަނި އަންބަރު މަހުންނެވެ.