ކިތަންމެ ބޮޑު ހުށަހެޅުމަށް ލިބުނަސް، ޔުނައިޓެޑް ޔޫތު ދޫކޮށް ނުލާނެ ކަމަށް އެ ޓީމުގެ ކީޕަރ މުޙައްމަދު ރިޝްފާން (ރިޗަރޑޭ) ބުނެފި އެވެ. ރޭ އެ ޓީމުގެ ކޮންޓްރެކްޓް އައު ކުރުމަށް ފަހު، މި ނޫހަށް މަޢުލޫމާތު ދެއްވަމުން ރިޗަރޑޭ ބުނީ، ޔޫތަކީ އޭނަގެ އާއިލީ ޓީމު ކަމަށާއި އަބަދުވެސް ހިތް އޮންނާނީ ޔުތޫގައި ކަމަށެވެ. އަދި ދުވަހަކުވެސް ޔޫތު ދުކޮށް ދިޔުމުގެ ވިސްނުން ނުގެން ގުޅޭކަމަށް އޭނާ ބުންޏެވެ.
“އަޅުގަނޑު، އެހެން ޓީމެއްގެ ފަރިތަކުރުންތަކުގައި ބައިވެރި ވިން. އެއީ އަޅުގަނޑުގެ ރައްޓެހިންގެ އެދުމުގެ މަތިން. އަދި އެ ޓީމަށް ކުޅެން އަނގަބަހުން އެއްބަސް ވިން. ނަމަވެސް އެ ނިންމުން ބަދުލު ކޮށްފައިވާ ކަމަށް އެ ޓީމަށް ވާނީ އަންގާފަ. އަބަދުވެސް އަޅުގަނޑަކީ ޔޫތުގެ މީހެއް” އޭނާއާ މެދެ ރަށު ތެރޭ ދެކެވޭ ވާހަކަތަކާއި ގުޅިގެން ރިޗަރޑޭ ރޭ ބުންޏެވެ.
މިކަމާ ގުޅިގެން އެ ޓީމުގެ އައު މޭނަޖަރ ސައުދުﷲ އަޙްމަދު ރަޝީދު ބުނީ، ބައެއް ފަރާތްތަކުން އެ ޓީމުގެ ކުޅުންތެރިންނަށް ގުޅައި ޙަޤީޤަތާއި ޚިލާފު ވާހަކަތައް ދައްކަމުން އަންނަ ކަމަށާއި، އަދި އެއީ ފުޓްބޯޅައާއި ބީރައްޓެހި އަމަލެއް ކަމަށެވެ. އަދި އެކަން ކުރާ ފަރާތްތަކުން މިފަދަ އަމަލުތަން ހުއްޓާލުމަށް އޭނަ ގޮވާލިއެވެ.
ކުރިން ޓީ.ވީ.އެމް ގެ ޕްރެޒެންޓަރުކަން ވެސް ކޮށްފައިވާ ސައުދު އިތުރަށް ބުނީ، ޓީމުގެ އެއްމެ ފަހުގެ ތައްޔާރީތައް ވަމުން ދާ ކަމަށާއި، ފަރިތަކުރުންތަން ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި، މާތް ﷲ ގެ އިރާދަފުޅާއެކު، ދޭތީން އެކަށްޗަށް ނުކުމެ، މިފަހަރުގެ ތަށި ޔޫތުން ކާމިޔަބު ކުރާނެކަމަށެވެ.
ޓީމްތަކުން މައިކަޕަށް ވަރުގަދަ ސްކޮޑަކާއިއެކު ނުކުތުމަށް ކުރާ މަސައްކަތް މެކުހައްޖަހާފައިވާއިރު، މިފަހަރުގެ މައި ކަޕަށް އެންމެ ވަރުގަދަ ސްކޮޑަކާ އެކު ނުކުންނަ އެއް ޓީމަކީ ޔުނައިޓެޑް ޔޫތެވެ. 2015 ވަނަ އަހަރުގެ މައި ކަޕްގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތަކީ ފުޓްބޯޅައަށް އައު ކަންތައްތަކެއް ތަޢާރަފު ކުރަމުން އަންނަ ޓީމެއްކަން ފާހަގަކުރެވެއެވެ.