މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުން، އިހަވަންދޫ ސްކޫލާއި ގުޅިގެން “ޔަންގް ފިޝަރސް ކުލަބް”ގެ ނަމުގައި ސްޓޫޑަންޓް ބޮޑީއެއް އިފްތިތާޙްކޮށްފިއެވެ. ރޭ އިހަވަންދޫ ސްކޫލްގައި ކުރިޔަށްގެންދިޔަ ހަފްލާގައި މި ކުލަބް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަނެވެ.
ރޭގެ ޖަލްސާގައި މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލް ޢަބްދުﷲ ޝާކިރު މުހައްމަދުވަނީ “ޔަންގް ފިޝަރސް ކުލަބް”ގެ ނަމުގައި ކްލަބެއް އުފެއްދުމުގެ ވިސްނުން އައިސަބަބު ހާމަކުރައްވާފައެވެ. ޝާކިރު ވިދާޅުވީ،މަސްވެރިކަމުގެ ދާއިރާ ޕްރޮފެޝަނަލް ދާއިރާއެއްގެ ގޮތުގައި ތަރައްޤީކުރުމަށް 2009 ވަނަ އަހަރުން ފެށިގެން ފިޝަމަންސް އެސޯސިއޭޝަނުން، މަސްވެރިންނަށް އަމާޒުކޮށްގެން މަސްވެރި އެކިއެކި ރަށްރަށުގައި އެކިއެކި ޕްރޮގްރާމްތައް ހިންގަމުން އަންނަކަމުގައެވެ. އެހެންނަމަވެސް މަސްވެރިންނަށް އަމާޒްކޮށްގެން އެފަދަ ޕްރޮގްރާމްތައް ހިންގުމަކީ ވަރަށްދަތި އަދި ހަރަދުވެސްބޮޑު ކަމެއްކަމުގައި ޝާކިރު ވިދާޅުވިއެވެ. “މަސްވެރިންނަކީ ޒަމާނުންސުރެންވެސް އެމީހުންގެ މަސައްކަތުގައި ވަރަށްގިނަވަގުތު ހޭދަކުރަމުންދާބައެއް. އެހެންކަމުން އުގެނުމުގެ ދާއިރާއަށް މަސްވެރިން އަހުލުވެރި ކުރުން އެއީ ހަޤީގަތުގައި އަޅުގަނޑުމެނަށް ކުރިމަތިވި ވަރަށްބޮޑު ގޮންޖެހުމެއް” ޝާކިރު ވިދާޅުވިއެވެ. ޝާކިރު ވިދާޅުވީ، ޒުވާނުން މަސްވެރިކަމަށް ނެރުމުގެ ވާހަކައަކީ އެންމެންވެސް ދައްކާ ވާހަކައެއްކަމަށާއި ނަމަވެސް އެކަމަށް މާބޮޑު މަސައްކަތެއްކުރެވޭތަން ނުފެންނަ ކަމުގައެވެ. މަސްވެރިން ތަމްރީން ޕްރޮގްރާމްތަކަށް ގެންއުމަށް ދަތިކަމުންނާއި ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށްހުރި ޝައުގުވެރިކަން ކުޑަވުމުން، ކުރެވުނު ފިރުކުރުތަކުން އެއްބަސްވެވުނީ ސްކޫލް މާހައުލުގައި ކުދިން މަސްވެރިކަމަށް ޝައުގުވެރިކުވުމަށްކަމަށް ޝާކިރު ވިދާޅުވިއެވެ. ޝާކިރުވިދާޅުވީ، ޔަންގް ފިޝަރސް ކުލަބަކީ އެގޮތުންކުރެވުނު ހިޔާލުތަކުގެ ތެރެއިން އުފަންވެގެންއައި އެއްހިޔާލުކަމުގައެވެ.
ރޭގެ ޖަލްސާގައި މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ޗެއަރމަން މައިޒާން އަހްމަދު މަނިކު، މިޕްރޮގްރާމްގެ ފުރަތަމަ ޕައިލެޓް ޕްރޮގްރާމް އިހަވަންދޫގައި ހިންގުމަށް ނިންމި ސަބަބު ހާމަކުރެއްވިއެވެ. އާދަމް މަނިކު ވިދާޅުވީ އިހަވަންދޫއަކީ ކުރީންސުރެވެސް މަސްވެރިކަމަށް ވަރަށްބޮޑަށް ތަރުހީބުދޭ ރަށެއްކަމަށާއި އަދި ޒުވާން މަސްވެރިން މަސްވެރިކަމުގެ ތެރެއަށް ނުކުންނަމުން ދިޔަ ރަށެއްކަމަށެވެ. އަދި މީގެއިތުރުން މިކަން އިހަވަންދޫ ސްކޫލަށް ހުށަހެޅުމުން ވަރަށް ހޫނުތަރުހީބެއް ޕްރިންސިޕަލާއި ޓީޗަރުންގެ ފަރާތުން ލިބިގެން ދިއުމީވެސް މިޕްރޮގްރާމް އިހަވަންދޫގައި ކުރިޔަށް ގެންދަން ނިންމި ސަބަބެއްކަމަށް އަހްމަދު މަނިކު ވިދާޅުވިއެވެ. އަހުމަދު މަނިކުވަނީ މިޕްރޮގްރާމް ކުރިޔަށްގެންދިއުމަށް ދިރާގުން ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. ދިރާގުންވަނީ މިއަހަރުގެ ޕްރޮގްރާމް ސްޕޮންސާކޮށްފައެވެ.
ރޭގެ ޖަލްސާގައި އިހަވަންދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް މުހައްމަދު އަބްދުއްސަމަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުން ދެފަހަރެއްގެ މަތިން “ޔަންގް ފިޝަރސް ކުލަބް”ގެ ކަރިކިއުލަމް އާއިއެކު ސްކޫލާއި ބައްދަލުކުރިކަމަށެވެ. “އެ ކޮންޓެންޓުން އަޅުގަނޑުމެނަށް ފެނުނީ ދިވެހިރާއްޖޭގެ މަދްރަސީ ތައުލީމްގެ ޤައުމީ މަންހަޖުގައި ބަޔާންކޮށްފައިވާ ގިނަ ޤާބިލިއްޔަތުތަކެއް ހާސިލްކުރެވޭތަން” މުހައްމަދު އަބްދުއްސަމަދު ވިދާޅުވިއެވެ. ސަމަދު ވިދާޅުވީ އިހަވަންދޫ ސްކޫލްގައި މިޕްރޮގްރާމް ޕައިލެޓްކުރަން ޝައުގުވެރިވީ އެސަބަބުތަކަށްޓަކައި ކަމުގައެވެ.
ރޭގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ ޔަންގް ފިޝަރސް ކުލަބަކީ މައިޒާން އަހުމަދު މަނިކުގެ ވަރަށް ގިނަދުވަސްވީ ހުވަފެންފުޅެއް ކަމަށާއި، މިރޭ އެކްލަބް ވުޖޫދުވެގެން ދާތީ މައިޒާން އަހްމަދު މަނިކަށް ވަރަށްބޮޑަށް މަރުހަބާ ދަންނަވާކަމުގައެވެ. ކްލަބްގެ މެޖޯރިޓީ މެމްބަރުންނަކީ އަދި ކްލަބްގެ ރައީސް އަކީވެސް އެންހެން ދަރިވަރެއްކަން ފާހަގަކުރައްވައި ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ކުރީގައި އަންހެނުންނާއި ފިރިހެނުންގެ ހިއްސާ ހަމަހަމަޔަށް އޮތްކުމުގައެވެ. އެގޮތުން ފިރިހެނުން މަސްބާނައިގެން ލެފުމުން މަސް ޕްރޮސެސްކުރުމުގެ މަސައްކަތްކުރަނީ އަންހެނުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރޭގެ ރަސްމިއްޔާތުގަވަނީ “ޔަންގް ފިޝަރސް ކުލަބް” ގެ އެންމެހާ ދަރިވަރުންނަށް ކްލަބްގެ މެމްބަރުކަމުގެ ތޮފި އަދި ބެޖް ހަވާލުކޮށްފައެވެ. މީގެއިތުރުން އެކުލަބުގެ އިސްމަޤާމްތަކަށް ހޮވިފައިވާ ދަރިވަރުންނަށް މަޤާމްގެ ލިޔުން ހަވާލުކުރުންވެސް އޮތެވެ. ރޭގެ ހަފްލާއަށްފަހު މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވަނީ، “ޔަންގް ފިޝަރސް ކުލަބް” ގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް އިހަވަންދޫ ސްކޫލްގައި ޤާއިމްކޮށްފައިވާ ބައެއް ވަސީލަތްތައް ބައްލަވާލައްވާފައެވެ. އެގޮތުން ވެދަރ ސިސްޓަމަކާއި ބައެއް ކަހަލަ ނެވިގޭޝަނަލް އިކްއިޕްމަންޓްސްގެ އިތުރުން ލައިބްރަރީއެއްވެސް ޤާއިމްކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ސީ ސްކައުޓް ކޮންސެޕްޓަށް ކުރިޔަށްގެންދާ “ޔަންގް ފިޝަރސް ކުލަބް” ގައި ބައިވެރިވާ ދަރިވަރުންނަށް މަސްވެރިކަމުގެ ސިނާއަތާއިބެހޭ އެކިކަހަލަ ޕްރޮގްރާމްތައް ހިންގާއިއިރު، މޫސުން ބަލާނޭގޮތާއި، ޗާޓްތައް ބަލާނެގޮތުގެ އިތުރުން ދާއިރާގެ ތަޖްރިބާހުރި ބޭފުޅުންގެ އެހީގައި ތަފާތު ޕްރޮގްރާމްތައް ކުރިޔަށްގެންދިއުމަށް ރާވާފައިވެއެވެ. އަދި ދަރިވަރުން ޕްރޮގްރާމްތައް ފުރިހަމަކުރަމުން ދިޔަވަރަކަށް ދަރިވަރުންނަށް ތަފާތު ބެޖްތައް ހާސިލްކުރެވޭގޮތަށް ކުރިޔަށްގެންދާ މިޕޮރްގްރާމްގެ ދަރިވަރުންނަށް ހާއްސަ ޔުނީފޯމެއްވެސްވަނީ ފަރުމާކޮށްފައެވެ.
“ޔަންގް ފިޝަރސް ކުލަބް” އަށްހާއްސަކޮށްގެން ކުރިޔަށްގެންދާ ޕްރޮގްރާމްތައް ކުރިޔަށް ގެންދާނީ ދާއިރާތަކުގެ ތަޖްރިބާކާރުންގެ އެހީއާއިއެކުއެވެ. އެގޮތުން މިހަފްތާ ބަންދުގައި ކުރިޔަށްގެންދާ ހަރަކާތްތަކަށް މޫސުމާއި މޫސުމަށް އަންނަ ބަދަލާއި ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދެއްވުމަށް މޯލްޑިވެސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ 2 ބޭފުޅުން ވަނީ ދުރުވެފައެވެ.