ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް: މެޗުތައް ތަރުތީބު ކޮށްފި

އިބްރާހިމް ނަޝީދު

އިހަވަންދޫ ސްކޫލަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް ފުޓުބޯޅަ މުބާރާތުގެ ގުރުނަގައި މެޗުތައް ތަރުތީބު ކޮށްފިއެވެ.

2019 އޯގަސްޓު 1 ވަނަ ދުވަހު ހަވީރު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގުރުނެގުން ކުރިއަށް ގެންގޮސްފައިވަނީ ރޭ އިހަވަންދޫ ސްކޫލު ކޮންފަރެންސް ހޯލުގައެވެ.

ޕޮއިންޓް ސިސްޓަމަށް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އިހަވަންދޫ ސްކޫލުގެ އިތުރުން ވާދަކުރާނީ ހއ. ހޯރަފުށީގައި ހުންނަ ހއ އަތޮޅު މަދަރުސާއާއި ހއ. ދިއްދޫގައި ހުންނަ ހއ އަތޮޅު ތަޢުލީމީ މަރުކަޒު އަދި މާރަންދޫ ސްކޫލެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިހަވަންދޫ ސްކޫލުގެ ޓީމުންވަނީ މިހާތަނަށް ޕްރެކްޓިސް ދެމެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި އިހަވަންދޫ ސްކޫލުގެ މުވައްޒަފުންގެ ޓީމާ ބައްދަލުކޮށް 1-1 އިން އެއްވަރުވީއެވެ. އަދި ދެވަނަ މެޗުގައި އިހަވަންދޫ ސްކޫލުގެ ޓީމުންވަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ޓީމުގެ މައްޗަށް 3-2 ން ކުރިހޯދާފައެވެ.