ކްލަބު ޕޯލްސްޓަރ އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މައިކަޕް ފުޓްބޯޅަ މުބާރާތުގައި، ބައިވެރިވާ ޓީމްތައް ދެ ގްރޫޕަކަށް ބަހާލިއިރު، އިހަވަންދޫ ޓީމްތައް ގްރޫޕް “އޭ” އަށް އަދި ރަށުންބޭރު ޓީމްތައް ގްރޫޕް “ބީ” އަށް ހިގައްޖެއެވެ. މިމުބާރާތުގެ ގުރުލުން ބާއްވާފައިވަނީ މިރޭ އިހަވަންދޫ ސްކޫލްގެ ހޯލްގައެވެ.
މިމުބާރާތް ކުރިޔަށްދާނީ، މިމުބާރާތުގައި ބައިވެރިވި 9 ޓީމް ދެ ގްރޫޕަކަށް ބަހާލައިގެން ލީގް އުސޫލުން ގްރޫޕް ސްޓޭޖްކުޅެ، ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. މިރޭގެ ގުރުލުމުގައި ގްރޫޕް “އޭ” ގައި ހިމެނުނީ ، އިހަވަންދޫއަށް ނިސްބަތްވާ ޓީމްތައް ކަމަށްވާ ކްލަބް އިރަމާ، ސެން ސިޓީ، ކުޅިމަގު އަދި އެންވީކޭއެވެ. ގްރޫޕް “ބީ” ގައި ހިމެނުނީ މުޅިންވެސް އިހަވަންދޫއިން ބޭރުގެ ޓީމް ތަކެވެ. އެއީ ބީބީ ބްރަދާސް، އުލިގަން، ތުރާކުނު އާރު.ސީ، ހޯރަ ޔުނައިޓެޑް އަދި ހީވެސްނުވޭއެވެ.
މިމަހުގެ 21 ވަނަ ދުވަހުގެ 16:00 ގައި މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ކްލަބް އިރަމާ އަދި ސެންސިޓީއެވެ. މިމުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހުގެ ރެއެވެ.
ބިއުޓިފުލް ބްލޫ މައިކަޕް 2024، ފުޓްބޯޅަ މުބާރާތުގައި 6 ރަށަކުން 9 ޓީމް ވަނީ ބައިވެރިވެފައެވެ. މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ. 2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ. މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ. ބިއުޓިފުލް ބްލޫއިން މުބާރާތުގެ ފޯރި ގަދަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަންވަނީ އިއުލާންކޮށްފައެވެ. މިއަހަރުގެ މައިކަޕްގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފައެވެ.