އައި.އެސް.އޭޑީ.އެޗް.ސީ ކޮޅަށް 4 ގޯލް ޖަހައި ސީ.އެމް.ސީގެ ފެށުން ރަނގަޅުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ދެވަނަ މެޗްގައި އައި.އެސް.އޭޑީ.އެޗް.ސީ (ސްކޫލް/މަރުކަޒު) ކޮޅަށް 4 ގޯލް ޖަހައި ސީ.އެމް.ސީގެ (ކައުންސިލް/ކޯޓް/އެމްޓީސީސީ) ފެށުން ރަނގަޅުކޮށްފިއެވެ.

މިމެޗްގެ ހުރިހާ ގޯލެއްވެސް ފެނިގެންދިޔައީ މެޗްގެ ފުރަތަމަ ހާފްގައެވެ. މެޗްގެ މޮޅުކުޅުންތެރިޔާއަށް ހޮވުނު ސީ.އެމް.ސީގެ ޖާޒީ ނަންބަރު 11 ހުސައިން ޝަރީފް ވަނީ ދެ ގޯލް ޖަހާފައެވެ. އެއީ ފުރަތަމަ ހާފްގެ 15 އަދި 17 ވަނަ މިނެޓްގައެވެ. އެޓީމްގެ ޖާޒީ ނަންބަރު 30 އަލީ އަރުޝަދު ފުރަތަމަ ހާފްގެ 12 ވަނަ މިނެޓްގައި ގޯލެއް ޖެހިއިރު ޖާޒީ ނަންބަރު 7 ޢަލީ ފަވާޒް އެޓީމްގެ ފުރަތަމަ ގޯލް ޖެހީ ފުރަތަމަ ހާފްގެ 8 ވަނަ މިނެޓްގައެވެ. ސީ.އެމް.ސީގެ ކީޕަރު މުހައްމަދު ޖާވިދުގެ ފަރާތުން މޮޅު ކުމެއްފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފާއި ހިލާފަށް ފަހުހާފުގައި ދެ ޓީމްގެ ފަރާތުންވެސް ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ.

ސީ.އެމް.ސީ މާދަމާރޭ 21:15 ގައި ބައްދަލުކުރާނީ ކްލަބް އައި.ޕީ.އެސް އާއެވެ. އަދި އައި.އެސް.އޭޑީ.އެޗް.ސީ 20:15 ގައި ނުކުންނާނީ ފެނަކައާއި ދެކޮޅަށެވެ.