Banner Image Description

މެމްބަރު މުހައްމަދު އަބުދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކޮށްފި

ޢަބުދުﷲ ޙަމީދު

އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބުދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

މުހަންމާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. އެއީ ޕީޕީއެމްއިން މުހައްމާގެ މައްޗަށް ސުލޫކީ ފިޔަވަޅެއް އަޅައި ޕާޓީއިން ވަކިކޮށް އެކަން ކޮމިޝަނަށް އެންގުމުންނެވެ. އެ ސުލޫކީ ފިޔަވަޅު އެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ގަރާރުގައި ކުރެއްވި ސޮއި އަނބުރާ ނަގަން އެންގުމުން އެ ސޮއި ނުނެގުމުންނެވެ. އެ ސޮއި ކުރެއްވީ ޖުލައި މަހުގެ ތިންވަނަ ދުވަހު އެވެ.

އެ ފިޔަވަޅު މުހަންމާއަށް އެޅީ ޕީޕީއެމްއިން ވަކިވާން ހުށަހަޅާފައިވަނިކޮށެވެ. ޕީޕީއެމްއިން ވަކިވާން މިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު މުހަންމާ ޕީޕީއެމްއަށް ސިޓީ ހުށަހަޅައި އެކަން އިލެކްޝަން ކޮމިޝަނަށް އެންގި އެވެ. އެއީ އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރި އެވެ. އެ ހުކުމް އިއްވީ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.

ސުޕްރީމް ކޯޓުން މިއަދު މެންބަރު މުހައްމާގެ މައްސަލާގައި އިއްވި ހުކުމުގައި މުހައްމާގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އޭނާގެ މައްޗަށް ޕީޕީއެމްއިން ފިޔަވަޅު އަޅާފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ ސޮއިކުރުމުން ކަމަށްވީ ނަމަވެސް، އެ ގަރާރުގައި އޭނާ ސޮއިކުރީ ފްލޯ ކްރޮސިންގެ އުސޫލު ތައާރަފްކުރުމަށް ސުޕްރީމް ކޯޓުން 13 ޖުލައިގައި ނެރުނު އަމުރުގެ ކުރިން ކަމަށްވާތީ އެވެ. އެ ހުކުމަކީ މާޒީއަށް ރުޖޫއަ ނުކުރެވޭނެ އަދި އެ ހުކުމްގެ ކުރިން މެންބަރަކު ކުރި އަމަލެއްގެ މައްޗަށް އަޅާ ފިޔަވަޅެއްގެ ސަބަބުން ހުކުމްގައިވާ އުސޫލުތައް އެ މެންބަރެއްގެ މައްޗަށް ނުފެތޭނެ ކަމަށް ވެސް ހުކުމްގައިވެ އެވެ.

ޕީޕީއެމްއިން ވަކިވާން މުހައްމާ ހުށަހެޅި ސިޓީއަށް އެއްވެސް ބެލުމެއް ނެތި، އޭނާގެ ސުލޫކީ މައްސަލައެއް ބަލައި ފިޔަވަޅު އަޅާފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ހުކުމްގައިވެ އެވެ. އިލެކްޝަން ކޮމިޝަނުން ވެސް އޭނާގެ ނަން ޕާޓީގެ ދަފްތަރުން އުނިނުކޮށް ހިފެހެއްޓި ހިފެހެއްޓުމަކީ ދުސްތޫރީ ހަމަތަކުން ހިންގާފައިިވާ ކަމެއް ނޫން ކަމަށް ހުކުމްގައިވެ އެވެ.
މުހައްމާ އަކީ ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ފަހުން ވެރިކަން ކުރާ ޕީޕީއެމަށް ސޮއި ކުރެއްވީއެވެ.