އަންނަ އަހަރު އިހަވަންދޫގައި 2 މަޝްރޫޢުއެއް އަލަށް ފަށަނީ

މުޙައްމަދު އަކުރަމް

އަންނަ އަހަރު އިހަވަންދޫގައި އަލަށް 2 މަޝްރޫއެއް ފެށުމަށް، 2023 ވަނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި 2023 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި، އިހަވަންދޫގައި އަލަށް ފެށުމަށް ހިމަނާފައިވާ 2 މަޝްރޫޢު އަކީ އިހަވަންދޫ ސްކޫލުގެ 12 ކްލާސްރޫމްގެ 4 ބުރީގެ އިމާރާތެއް ހެދުމާއި، އިހަވަންދޫގައި މަސްގަންނަ ސެންޓަރެއް ޤާއިމް ކުރުމެވެ.

މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ދަށުން އަލަށްފަށާ ޕްރޮޖެކްޓެއްގެ ގޮތުގައި މަސްގަންނަ ސެންޓަރު ޤާއިމްކުރުން ހިމަނާފައިވާއިރު މިއީ ޑޮމެސްޓިކް ބަޖެޓުން 25 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރާ މަޝްރޫޢުއެކެވެ. މީގެ އިތުރުންވެސް އެމިސްޓްރީގެ ދަށުން، އިހަވަންދޫގައި މަސް ރައްކާކުރާ ފެސިލިޓީއެއް ޤާއިމްކުރުންވެސް ޕްރީ ޓެންޑަރިންގ މަރުހަލާގައިވާ މަޝްރޫޢުއެއްގެ ގޮތުގައި ހިމަނާފައިވެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަލަށްފަށާ މަޝްރޫޢުއެއްގެ ގޮތުގައި އިހަވަންދޫ ސްކޫލުގެ 12 ކްލާސްރޫމްގެ 4 ބުރީގެ އިމާރާތެއް ބިނާކުރުން ހިމަނާފައިވާއިރު އެމިނިސްޓްރީ އިން ހިންގަމުންދާ މަޝްރޫޢުއެއްގެ ގޮތުގައި އިހަވަންދޫ ސްކޫލްގެ މަލްޓިޕާޕޯސް ހޯލް ހިމަނާފައިވެއެވެ.

މީގެ އިތުރުން ދެންހިމަނާފައިވާ މަޝްރޫޢުތަކަކީ ހިގަމުންދާ، ޓެންޑަރިން، ޕްރީ ޓެންޑަރިންގ އަދި އެވޯޑް ކޮށްފައިވާ މަޝްރޫޢުތަކެވެ. އިހަވަންދިއްޕޮޅުގެ ރަށްތަކަށް ބަލާއިރުވެސް ބަޖެޓް ފޮތުގައިވާގޮތުން އަލަށް ފެށުމަށް ހަމަޖެހިފައިވަނީ ދެ މަޝްރޫޢުއެކެވެ. އެ ދެ މަޝްރޫޢުވެސް ހިންގަނީ އިހަވަންދޫގައިކަން ފާހަގަކުރެވެއެވެ.

ޚިޔާލު ފައުޅުކުރުން

ސުކޫލްގަ އިމާރާތް އަދިވެސް މަދީތަ