Banner Image Description

ބޮޑު ޖަމާޢަތައް ތައްޔާރުވުން

ޙުސައިން ރީޙާން

މިފަހަރުގެ ޢީދުނަމާދުގެ ބޮޑު ޖަމާޢަތް ބޭއްވުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ 1ނަމްބަރު ފުޓުބޯޅަ ދަނޑުގައެވެ. މިއީ އިހަވަންދޫގައި ޢީދު ނަމާދު ސުންނަތާއި އެއްގޮތަށް ހާމަތަނެއްގައި ކުރާ ފުރަތަމަ ފަހަރެވެ.

މިމަސައްކަތުގައި ހަރަކާތްތެރިވާ ކައުންސިލް އިދާރާގެ ސަޕޯރޓު ސާރވިސްގެ މުވައްޒަފު އަލްފާޟިލް މުޙައްމަދު އިޔާޟު އިހަވަންދޫ.ކޮމް އަށް މަޢުލޫމާތު ދެމުން ވިދާޅުވީ 4000 މީހުންގެ ޖާގައިގެ މުޞައްލައެއް ޢީދު ނަމާދު ކުރުމަށްޓަކައި އެ ދަނޑުގައި ހެދޭނެކަމަށެވެ. މުޞައްލާ ހެދުމުގެ ޢަމަލީ މަސައްކަތް މިރޭގެ ވަގުތެއްގައި ފަށާނެކަމަށްވެސް އިޔާޟު ވިދާޅުވިއެވެ. އިޔާޟު އިތުރަށް ވިދާޅުވިގޮތުގައި ނަމާދަށް އަންނަ މީހުންނަށް ވުޟޫކުރުމުގެ ފަސޭހަ އިންތިޒާމެއް ދަނޑުގެ އުތުރު ފަރާތުގައި ހަމަޖެހިގެން ދާނެއެވެ. އަންހެނުންނަށް ވެސް ބައިވެރިވެވޭގޮތަށް ހަދާ މި ބޮޑު ޖަމާޢަތް ކުރިޔަށްދާ ސަރަހައްދާ އެތަނުގެ ކައިރީގެ ސަލާމަތީކަންކަމާއި ޓުރެފިކް އިހަވަންދޫ ފުލުހުންގެ އިދާރާއިން ބަލަހައްޓާގޮތައްވަނީ ހަމަޖެހިފައެވެ.

ޖަމާޢަތުގެ ނަމާދަށްފަހު ބޮނޑިބަތާއި މަސްބެހުމުގެ ކަންކަން ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ ކަމަށާއި، ބޮނޑިބަތް ތައްޔާރު ކުރުމަށް އެހީވެދެނީ ރަށުގެ ގޭގެއިންކަމައްވެސް އިޔާޟު ވިދާޅުވިއެވެ. ” ރަށުގެ ގާތްގަނޑަކަށް 50ހަކަށް ގެއިން މިކަމަށް އެހީވެދޭ. ބައެއް ގޭގެއިން އަމިއްލަ ތަކެތީގަ. އަނެއްބައި ގޭގެއިން އަޅުގަނޑުމެން ތަކެތި ފޯރުކޮށްދިނީމަ ބޮނޑިބަތް ކައްކާދޭ. ” އިޔާޞު ވިދާޅުވިއެވެ.

ތަކެތި ކައްކާ ނިމުމުން ތަކެތި ހަވާލުކުރާގޮތަށް ހަމަޖެހިފައިވަނީ ޅޮސްމާގެއަށެވެ. އަދި އެބޮނޑިބަތްތަކާއި މަސްތައް ތަށިތައްޓަށް އެޅުމާއި ބަންދު ކުރުމުގައި އިހަވަންދޫ މަދަރުސާގެ ސުކައުޓު ދަރިވަރުންނާއި ކެޑޭޓު ދަރިވަރުން ހަރަކާތްތެރިވާނެއެވެ.

ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ކުލަބުތަކާއި ސަރުކާރު ކުންފުނިތަކުގެ އިތުރުން ބައެއް އަމިއްލަ ފަރާތްކުންވެސް މިކަމުގައި އެއްބާރުލުން ދޭކަން އިޔާޟްވަނީ ފާހަގަ ކުރައްވާފައެވެ.

” ދެން މަސްތައް ކެނޑުމާއި ތަން ތައްޔާރުކުމާއި އެފަދަ އެހެން ކަންކަން މިވަނީ މުއައްސަސާތަކާއި ކުލަބުތަކާއި ސަރުކާރު ކުންފުނިތަކުގެ މެދުގައި ބަހައިލެވިފަ، އެކަންކަންވެސް ކުރިޔަށްދާނެ” އިޔާޟު ވިދާޅުވިއެވެ. މިކަންކަމުގެ އިތުރުން އުލްޙިޔާ ކަތިލާގޮތައްވެސް ވަނީ ހަމަޖެހިފައެވެ. މިފަހަރުގެ ބޮޑު ޖަމާޢަތް 1 ނަމްބަރު ދަނޑުގައި އޮތްއިރު އިހަވަންދޫގެ ތަޢުބާ މިސްކިތުގައިވެސް ޢީދުނަމާދު ކުރާގޮތައްވަނީ ހަމަޖެހިފައެވެ. ނަމަވެސް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޢީދު ނަމާދު ކުރުން އެންމެ މޮޅު އިތުރުވެގެންވަނީ ހާމަ ތަނެއްގައި ބޮޑު ޖަމާޢަތެއްގައެވެ.