Banner Image Description

އިހަވަންދޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް އިފްތިތާހްކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަށްޓަވައިދެއްވައިފިއެވެ. ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވީ މިއަދު ހަވީރު އިހަވަންދޫއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައެވެ. ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމުގެ ގޮތުން އެމަނިކުފާނުވަނީ އެކަމަށް ޙާއްސަކޮށް ތައްޔާރުކޮށްފައިވާ ހަނދާނީ ބިނާގެ ފަރުދާ ކައްސަވާލަދެއްވާފައެވެ.

މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބުލިޔު އެސް ސީ) އާއި 2013 ވަނައަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަދުވަހު، 3 އަހަރުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް އިހަވަންދޫގެ ނަރުދަމާގެ މަސައްކަތް ހަވާލުކުރިނަމަވެސް، ނަރުދަމާ ނިޒާމުގެ މަސައްކަތް ރަސްމީކޮށް ފަށާފެށިފައިވަނީ 25 އޯގަސްޓް 2016 ގައެވެ. އެމަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އޮނަރަބަލް ތޯރިގު އިބްރާހީމެވެ.

66.5 މިލިއަން ރުފިޔާ މިމަސްރޫއުގެ ދަށުން އިހަވަންދޫގައި ފަސް ޕަންޕު ސްޓޭޝަން ބަހައްޓާ 16.71 ކިލޯމީޓަރު ދިގު މިނުގައި ނަރުދަމާވަނީ އަޅާފައެވެ.