އިހަވަންދޫގައި މަސްގަންނަ މަރުކަޒެއް އިމާރާތްކުރުމަށް ބިމެއް ހޯދަނީ

މުޙައްމަދު އަކުރަމް

ރާއްޖޭގެ އުތުރުގެ ސަރަހައްދުގެ މަސްވެރިން ބާނާ މަސް ގަތުމުގައިހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އިހަވަންދޫގައި ގާއިމްކުރަން ހަމަޖެހިފައިވާ މަސްގަނަ ސެންޓްރު އިމާރާތްކުރާނެ ބިމެއް ހޯދުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ އިން އިހަވަންދޫ ކައުންސިލްގައި އެދެފިއެވެ.

އިހަވަންދޫގައި ތަރައްޤީކުރުމަށް މަސައްކަތް ކުރަމުންދާ މަސްގަނަ މަރުކަޒަކީ ދުވާލަކު 120 ޓަނުގެ މަސް ފިނިކުރެވޭނެ ބްރައިން ފްރީޒިންގް ކެޕޭސިޓީ އާއިއެކު 500 މެޓްރިކް ޓަނުގެ މަސް ފިނިކޮށް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖެއް ހިމެނޭ މަރުކަޒެކެވެ. އަދި މިސެންޓްރު ތަރައްޤީކުރަނީ ސެންޓަރުގެ ކެޕޭސިޓީ މުސްތަގްބަލްގައި އިތުރުކުރަން ޖެހިއްޖެނަމަ އިތުރުކުރެވޭނެ ގޮތަށްކަމަށްވާތީ ސެންޓަރު ޤާއިމްކުރުމަށް ގާތްގަނޑަކަށް އެއް ހެކްޓަރުގެ ބިން ބޭނުންވެއެވެ.

މިސަރަހައްދުން މަސްގަންނަ މަރުކަޒުގެ މަސައްކަތް އަންނައަހަރު އިހަވަންދޫގައި ފެށޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހު ވިދާޅުވެފައެވެ. މިއަހަރުގެ ބަޖެޓްގައި، އިހަވަންދޫގައި މަސްރައްކާކުރާ ފެސިލިޓީއެއް ޤާއިމްކުރުމަށް 178065ރ ހިމަނާފައިވެއެވެ. 2023 ވަނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި މިސެންޓަރު ޤާއިމްކުރުމަށް 25 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

މަސްވެރިކަމަކީ އިހަވަންދޫގެ މައިގަނޑު ސިނާއަތެވެ. އިހަވަންދޫގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެބޮޑު އެއް ދައްޗަކީ މަސްވެރިން ބާނާ މަސްކޮޅު ފަސޭއިން ކިރުވޭނެގޮތެއް ނެތުމެވެ. އެގޮތުން އެންމެ ކައިރިންވެސް މަސްކިރުވުމަށް މަސްވެރިންނަށްޖެހެނީ ޅ. ފެލިވަރަށް ދާށެވެ. ފެލިވަރަށް ގޮސް އައުމަށް 400 ކިލޯމީޓަރަށްވުރެ ދުރަށް ދަތުރުކުރަންޖެހެއެވެ. އެހެންކަމުން ތެލަށްކުރަންޖެހޭ ހަރަދު ބޮޑުވެ މަސްވެރިންގެ ޖީބަށް ވަންނަ އާމްދަނީ ދަށްވުމުގެ އިތުރުން މަސްވެރިން އެމީހުންގެ އާއިލާއާއި އެކު ހޭދަކުރަން ލިބޭ ވަގުތު އެތައްތަނެއް ކުޑަވެއެވެ. އިހަވަންދޫގައި ފިޝް ކަލެކްޝަން ފެސިލިޓީއެއް ޤާއިމް ކޮށްފިނަމަ މަސްވެރިންނަށް ދިމާވެފައިވާ މިމައްސަލަތަކަށް ހައްލު ލިބިގެންދާނެއެވެ.

އިހަވަންދޫގައި ފިޝްކަލެކްޝަން ފެސިލިޓީއެއް ޤާއިމްކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެފައިވާ ވައުދެކެވެ.