"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކުރި 5 ބައިވެރިން ހޮވައިފި

މުޙައްމަދު އަކުރަމް

“އިހަވަންދިއްޕޮޅު ރަސްތަރީގެ” ނަމުގައި، އިހަވަންދޫ ކައުންސިލާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކްލަބް ޕޯލްސްޓަރ އަދި އަންބަރީ ފައުންޑޭޝަން ގުޅިގެން ކުރިޔަށްގެންދާ ޤުރުއާން މުބާރާތުގެ 3 ވަނަ ރައުންޑަށް ދަތުރުކުރި 5 ބައިވެރިން ހޮވައިފިއެވެ.

މިމުބާރާތުގެ ދެވަނަ ރައުންޑަށް ދަތުރުކުރި 10 ބައިވެރިންގެ ތެރެއިން 3 ވަނަ ރައުންޑަށް ހޮވުނު 5 ބައިވެރިން އިއުލާންކުރީ ރޭ 22:15 ގައި އިހަވަންދޫ ސްކޫލް ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިމުބާރާތުގެ 3 ވަނަ ރައުންޑަށް ހޮވިފައިވަނީ:

  • – ފާތިމަތު ނަދުވާ، ހއ. އިހަވަންދޫ
  • – ފާތިމަތު ރިފްޢާ ރުޝްދީ، ހއ. ކެލާ
  • – ޔައިޝާ ޔާސިރު އިބްރާހިމް، ހއ. އިހަވަންދޫ
  • – ޒައިދު ޙުސައިން، ހއ. މާރަންދޫ
  • – ޢާއިޝަތު ނީޝާން އާދަމް ނާފިޒް، ހއ. ކެލާ

މި ފަސް ބައިވެރިންގެ ތެރެއިން، އިހަވަންދިއްޕޮޅު ރަންތަރި ހޮވުމަށް ބާއްވާ މިމުބާރާތުގެ ތިންވަނަ ރައުންޑްގެ ކިޔެވުން ފެށޭނީ މިއަދު މެންދުރު ފަހު 13:00 ގައެވެ. މިރައުންޑްގެ ކިޔެވުންވެސް ކުރިޔަށް ދާނީ މުމުބާރާތުގެ ކިޔެވުން ކުރިޔަށްދާ އިހަވަންދޫ ސްކޫލްގެ ހޯލްގައެވެ.

މިމުބާރާތުގެ ފުރަތަމަ ރައުންޑްގެ ކިޔެވުން ނިންމައި ނަތީޖާ އިއުލާން ކޮށްފައިވާއިރު، އެއްވަނަ ރަށަކަށް ހޮވިފައިވަނީ ހއ އިހަވަންދޫއެވެ، ދެވަނަ ރަށަކަށް ހއ ކެލާ ހޮވުނުއިރު ތިންވަނަ ރަށަކަށް ހޮވިފައިވަނީ ހއ މާރަންދޫއެވެ. މިމުބާރާތުގެ ފައިނަލް ރައުންޑަށް ހޮވިފައިވަނީވެސް މިތިން ރަށަށް ނިސްވަތްވާ ބައިވެރިންކަންވެސް ފާހަގަކުރެވެއެވެ. މިމުބާރާތުގައި ބައިވެރިވެފައިވަނީ އިހަވަންދޫ ކައުންސިލް، މޮޅަދޫ ކައުންސިލް، ކެލާ ކައުންސިލް، މާރަންދޫ ކައުންސިލް، އުތީމް ކައުންސިލް، ފިއްލަދޫ ކައުންސިލް، ވަށަފަރު ކައުންސިލް އަދި އުލިގަން ކައުންސިލުންނެވެ. މިމުބާރާތުގައި މި އަށް ރަށް ތަމްސީލް ކޮށްފައިވަނީ 63 ބައިވެރިއެކެވެ.