Banner Image Description

އެންވީކޭ އިން ޖަންގަލް ހަމަބިމަށް ތިރިކުރިނަމަވެސް ޖަންގަލް ދެވަނަ ބުރަށް

މުޙައްމަދު އަކުރަމް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާ އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ، ބުލްބުލް ތެރަޕީ ސެންޓަރ އިމަގު ޣާޒީ ކަޕް 2023 ގެ ފުރަތަމަ ބުރުގެ ހަތަރުވަނަ މެޗްގައި،  މިއަދު އެންވީކޭ އިން ޖަންގަލް 5-1 ކުން ބަލިކޮށް ޖަންގަލް ހަމަބިމަށް ތިރިކޮށްފިއެވެ. މި ގްރޫޕްގެ ފުރަތަމަ މެޗްގައި ޖަންގަލް އިންވަނީ، އެފްސީ ބޮޑުމަގު 13-1 ބަލިކޮށްފައެވެ.

އެންވީކޭ އަދި ޖަންގަލް އަކީ މިމުބާރާތަށް އެންމެ ބޮޑަށް ތައްޔާރުވި ދެ ޓީމެވެ. ފޯރި ގަދަވާނެކަމަށް ބެލެވުނު މިމެޗްގައި ޖަންގަލް ޓީމަށް އެދެވޭ ކުޅުމެއް ނުދެއްކުނުއިރު އެންވީކޭވަނީ މުޅި މެޗްގެ ކޮންޓްރޯލް ހޯދައިގެން ކުޅެފައެވެ. މިމެޗްގައި އެންވީކޭއިން ޖެހި 5 ގޯލްގެ ތެރެއިން 2 ގޯލް ކާމިޔާބް ކޮށްދިނީ ޔާމީންއެވެ. ބާކީ 3 ގޯލް ކާމިޔާބުކޮށް ހެޓްރިކް ހެދި އިޝާން އަށްވަނީ މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައެވެ. ޖަންގަލްގެ ހަމައެކަނި ގޯލް ޖެހީ އެޓީމްގެ ތަހުސީނެވެ.

މިނަތީޖާ އާއިއެކު 3 ޕޮއިންޓާއި ފާއިދާ 7 ގޯލާއިއެކު ޖަންގަލް ވަނީ މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކޮށްފައެވެ. ތިން ޕޮއިންޓާއި ފައިދާ 4 ގޯލާއިއެކު ގްރޫޕްގެ ދެވަނާގައި އޮތް އެންވީކޭ ކަޓާނީ މާދަމާ ހަވީރު ބޮޑުމަގާއި އެންވީކޭ ބައްދަލުކުރާ މެޗުން 9 ގޯލަށްވުރެ ބޮޑު ތަފާތަކުން ބޮޑުމަގު މޮޅުވެގެންނެވެ. އެނޫން ކޮންމެ ނަތީޖާއެއް ނުކުތަސް އެންވީކޭ ދެވަނަ ބުރަށް ދަތުރުކުރާނެއެވެ.  ބޮޑުމަގު ޓީމަށް އެއްވެސް ޕޮއިންޓެއް ލިބިފައި ނުވާއިރު 12- ގޯލްގެ ޑެފެސިޓެއް އެބައޮތެވެ.

މިމުބާރާތުގައި މާދަމާ ހެނދުނު ކުޅިމަގު ނުކުންނާނީ ފިއުޗަރ އެފްސީއާ ދެކޮޅަށެވެ. އަދި ފުރަތަމަ ބުރުގެ ފަހު މެޗްގައި މާދަމާ ހަވީރު އެންވީކޭ ނުކުންނާނީ ބޮޑުމަގާ ދެކޮޅަށެވެ.