Banner Image Description

ޓިނުހަރުގެ ރޫޅައިލީ ކަރޮޕްޝަނުގެ އަމަލެއްހިންގުމަށްކަމަށް ތުހުމަތުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ދެކުނު ފަރާތު ބަނދަރުމަތީ އިރަށް ހުރި ތެޔޮ ބަނޑަހައާ އިންވެގެން އިރުމަތީ ފަރާތުގައި ހަދާފައި ހުރި “ޓިނު ހަރުގެ” (ނަލަމައިޒާން) ރޫޅައިލީ ކަރޮޕްޝަނުގެ އަމަލެއް ހިންގުމަށްކަމަށް، 31 ޖެނުއަރީއިން ފެށިގެން 3 މަހަށް ސަސްޕެންޑްކޮށްފައިވާ އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ތުހުމަތު ކޮށްފިއެވެ. މުހައްމަދު ރަޝީދު މިގޮތަށް ތުހުމަތު ކުރެއްވީ، އިއްޔަގެ ވަގުތެއްގައި  ފުލުހުން ޓިނު ހަރުގެ ރޫޅައިލުމުން ފޭސްބުކްގައި ޖެއްސެވި ޕޯސްޓެއްގައެވެ.

މުހައްމަދު ރަޝީދު ވިދާޅުވެފައިވަނީ “ބިޑަކާއިނުލާ ވަކިމީހަކަށް މިކަމެއް ނުކޮށްދެވޭނެ. ޖަވާބުދާރީ ވާންޖެހޭނެ!” ކަމަށެވެ. އަދި އެއާއިއެކު ކަރަޕްޝަން ހުއްޓުވުމަށްވެސް އެބޭފުޅާ ގޮވާލާފައިވެއެވެ. މީގެ އިތުރުން މުހައްމަދު ރަޝީދުވަނީ އެކަމާއިގުޅޭ ޑޮކިއުމެންޓެއްވެސް ހިއްސާކުރައްވާފައެވެ. އޭގައި ވާގޮތުން އިހަވަންދޫ ރައްޔިތުންގެ ތެޔޮ ފިހާރައެއް ކަމުގައިވާ “ބަނޑަހަ”، ކުއްޔަށް ނަގާފައިވާ ފަރާތަށް، ބަނޑަހައިގެ އިރުމަތީ ފަރާތުން 2000 އަކަ ފޫޓްގެ ބިން އިތުރުކޮށްދިނުމަށާއި، އަދި ބަނޑަހައިގެ ކުލީ މުއްދަތު އިތުރު 10 އަހަރަށް އިތުރުކުރުމަށް ދަންނަވާފައިވެއެވެ.