މަގުތަކަށް ވެލިއެޅުން ހުއްޓުވަން ކޯޓް އަމުރަކަށް އެދުމުން އަމުރެއް ނުނެރުނު

މުޙައްމަދު އަކުރަމް

އިހަވަންދޫގެ މަގުތަކަށް، އިހަވަންދޫ ކައުންސިލުން ކޮންމެ ތިންމަހުން އެއްމަހު ކަހަލަގޮތަކަށް ވެލި އަޅަމުން ދާކަމަށްބުނެ ގޯތިތަކަށްވުރެ މަގުތަށް އުސްވުމުގެ ސަބަބުން ވިއްސާރަ މޫސުމެއްގައި ފެންބޮޑުވެ ލިބިދާނެ ގެއްލުމަކަށްޓަކައި މަގުތަކަށް ވެލި އެޅުން ހުއްޓުވައި ދިނުމުގެ އަމުރަކަށް އިހަވަންދޫ އަރިނަގާގޭ ޢަބުދުއްރަޝީދު ޢަލީ އިހަވަންދޫ ކައުންސިލްގެ އިދާރާގެ މައްޗަށް ނެރެދިނުމަށް އެދުނު ކޯޓް އަމުރު، ނެރެދެވޭނެ ތަނެއް ނެތްކަމަށް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ނިންމައިފިއެވެ.

މިމައްސަލާގައި ޖަވާބުދާރީވަމުން އިހަވަންދޫ ކައުންސިލްގެ އިދާރާއިން ބުނެފައިވަނީ މަގުތަކުގައި އަޑިގުޑަން އުފެދި އެކަމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނާއި އެއްގަމު އުޅަނދު ފަހަރަށް ގެއްލުންލިބި ޝަކުވާ ލިބޭތީ މަގުތަކުގެ އަޑިގުޑަން ރަނގަޅުކުރުމަށް ކައުންސިލްގެ ފަރާތުން އެވަގުތަކު ކުރެވެން އޮންންކަމެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން އަޑިގުޑަން ކަހައިގެން ރަނގަޅު ނުކުރެވޭނަމަ ވެލިއަޅައިގެން ރަނގަޅުކުރާކަމަށް ކައުންސިލުން ބުނެފައިވެއެވެ. ކައުންސިލުން އިތުރަށް ބުނެފައިވަނީ މަގުތަކަށް ވެލި އެޅުމުގެ ސަބަބުން ގޯތިތަކަށްވުރެ މަގުތައް އުސްވެ އެކަމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުންވެގެން ކައުންސިލް އިދާރާއަށް ޝަކުވާއެއް ހުށަހަޅާފައި ނުވާކަމުގައެވެ. މިމައްސަލަ ނިމުނުގޮތުގެ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ލިބެމުންދާ ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި ކުރަމުން އަންނަކަމެއް، އެކަމެއް ކުރުމުގެ ސަބަބުން ލިބިދާނެކަމަށް ބެލެވޭ ގެއްލުމަކުން ރައްކާތެރި ވުމަށްޓަކައި ހުއްޓުވުމަކީ ހަމަޖެހޭ ކަމެއްނޫންކަމުގައެވެ.

މިމައްސަލަ ބެއްލެވި ހއ. އިހަވަންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް މޫސާ އިބްރާހިމްއެވެ. އިހަވަންދޫގެ މަގުތަކުގެ ހާލަތު ގޯސްވެ އާމުންގެ ޝަކުވާ ބޮޑުވެފައިވާއިރު، މިމަހުގެ 2 ވަނަ ދުވަހު އިހަވަންދޫގެ މަގު ހެދުމުގެ މަސައްކަތްވަނީ ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފައެވެ.