ފޮނުވަންޖެހޭ މުއްދަތުގައި ރިޕޯޓް ނުފޮނުވާ ކައުންސިލްތަކުގެ ތެރޭގައި އިހަވަންދޫ ކައުންސިލް ހިމެނިއްޖެ

މުޙައްމަދު އަކުރަމް

2017 ވަނައަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލީ ރިޕޯޓް، ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އެލްޖީއޭއަށް ނުފޮނުވާ 78 ކައުންސިލްގެ ތެރޭގައި އިހަވަންދޫ ކައުންސިލް ހިމެނިއްޖެއެވެ. އެލްޖީއޭއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އެލްޖީއޭއަށް، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ރިޕޯޓް ފޮނުވާފައިވަނީ މުޅިރާއްޖޭގައި އޮންނަ 209 ކައުންސިލްގެ ތެރެއިން 131 ކައުންސިލަކުންނެވެ.

ރިޕޯޓް ފޮނުވާފައިވާ 131 ކައުންސިލްގެ ތެރޭގައި ހިމެނެނީ 2 ސިޓީ ކައުންސިލާއި 15 އަތޮޅު ކައުންސިލެއްގެ އިތުރުން 114 ރަށު ކައުންސިލެކެވެ.

ހއ އަތޮޅަށް ބަލާއިރު ރިޕޯޓް ފޮނުވާފައިވަނީ ހއ އަތޮޅުކައުންސިލުންނާއި، ތުރާކުނު ކައުންސިލުންނާއި، މޮޅަދޫ ކައުންސިލުންނާއި، ހޯރަފުށީ ކައުންސިލުންނާއި، ވަށަފަރު ކައުންސިލުންނާއި، ފިއްލަދޫ ކައުންސިލުންނާއި، މާރަންދޫ ކައުންސިލުންނާއި، ތަކަންދޫ،މުރައިދޫ އަދި ބާރަށު ކައުންސިލުންނެވެ.

ލާމަރުކަޒީ ގާނޫނުގެ 108 ވަނަ މާއްދާ އާއި 109ވަނަ މާއްދާގައިވާ ގޮތިގެ މަތީން ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 10ވަނަ ދުވަހުގެ ކުރިން ފާއިތުވި އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލީ ރިޕޯޓް ރަށު، ސިޓީ އަދި އަތޮޅު ކައުންސިލްތަކުން އެލްޖީއޭ އަށް ފޮނުވަންޖެހޭނެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫ ކައުންސިލުން 2017 ވަނަ އަހަރު ހިންގި ހަރަކާތްތަކުގެ ތަފްސީލީ ރިޕޯޓް ފޮނުވާފައިވަނީ ޖެނުއަރީ 10 ވަނަދުވަހުގެ ރޭ 12:00ގެ ފަހުންނެވެ.