ސަރުކާރުގެ ބޭނުންތަކަށް ބިންދޫކުރުމުގައި ކައުންސިލުން ގެންގުޅޭ ސްޑޭންޑް ގޯސްކަން ހާމަވެއްޖެ!

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސުލްގެ އިހްތިސާސް ހިނގާ ސަރަހައްދުތަކުން ސަރުކާރުގެ ބޭނުމަށް ބިން ދޫކުރުމުގައި، އިހަވަންދޫ ކައުންސިލުން ގެންގުޅޭކަމަށްބުނާ ސްޓޭންޑް ގޯސްކަން ހާމަވެއްޖެއެވެ.

ލާމަރުކަޒީ ޤާނޫނަށް އައިސްފައިވާ ބަދަލުތަކާއިއެކު، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ހުރިހާ ބިންތަކެއްވެސް އޮންޖެހޭނީ ކައުންސިލްގެ ބިންތަކެއްގެ ގޮތުގައި ކަމަށްބުނެ އިހަވަންދޫ ކައުންސިލުން، މިމަހުގެ 11 ވަނަ ދުވަހުގެރޭ އާނމުކުރި ވީޑިއޯ އެއްގައި ބުނެފައިވަނީ، ކައުންސިލުން ބިންތައް މިނިސްޓްރީތަކަށް ދޫކުރާނީ، އެބިންތައް ކައުންސިލްގެ ބިންތަކެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހު، އެބިންތައް ބޭނުންކުރުމަށް މިނިސްޓްރީ ތަކާއިއެކުހެދޭ އެއްބަސްވުމެއްގެ ދަށުންކަމުގައެވެ. މިނިސްޓްރީތަކަށް ދޫކުރާ ބިންތައް، އެމިނިސްޓްރީ ތަކުގެ ނަމުގައި  ރަޖިސްޓްރީ ކުރުމަކީ، މިދައުރުގެ ކައުންސިލުން ދެކޭގޮތުގައި ޤާނޫނީގޮތުން ކުރެވޭނެ ކަމެއްނޫނެވެ.

މިކަމާގުޅިގެން މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލެޖީއޭ) އިން ބުނެފައިވަނީ، ލާމަރުކަޒީ ޤާނޫނުގައި ކައުންސިލްތަކުން ބިމުގެ މުޢާމަލާތް ކުރާއިރު ކައުންސިލުން ނިންމައިގެން އެއްބަސްވުމެއްގެ ދަށުންވެސް އަދި ރަޖިސްޓްރީ ކޮށްދީގެންވެސް ބިން ދޫކުރެވޭނެ ކަމުގައެވެ. ނަމަވެސް މިއިން ކޮންމެގޮތަކަށް ބިން ދޫކުރިނަމަވެސް ބިން ދޫކުރަންވާނީ ލާމަރުކަޒީ ޤާނޫނުގެ 107.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލޭންޑް ޔޫސްޕްލޭންގައިވާ ގޮތުގެ މަތިން އެކަމަށް އެލޮކޭޓް ކޮށްފައިވާ ބިމެއްކަމުގައެވެ.

މިކަމުގައި ކައުންސިލްގެ “ސްޓޭންޑަކީ” ކައުންސިލުން ބިންތައް މިނިސްޓްރީތަކަށް ދޫކުރާނީ، އެބިންތައް ކައުންސިލްގެ ބިންތަކެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހު، އެބިންތައް ބޭނުންކުރުމަށް މިނިސްޓްރީ ތަކާއިއެކު ހެދޭ އެއްބަސްވުމެއްގެ ދަށުންކަމަށް ކައުންސިލުން ބުނާ ނަމަވެސް އެފަދަ “ސްޓޭންޑެއް” ގެންގުޅުމަށް މިހާތަނަށްވެސް ކައުންސިލްގެ ޖަލްސާއަކަށް އެޖެންޑާކޮށް ފާސްކޮށްފައި ނުވާކަން، ކައުންސިލުން އާންމުކޮށްފައިވާ ކައުންސިލްގެ ނިންމުންތަކުން އެނގެއެވެ. ނަމަވެސް ބައެއް ކައުންސިލަރުން ކައުންސިލްގެ ޖަލްސާތަކުގައިކުރާ ބަހުސްގައި އެފަދަ ‘ސްޓޭންޑެއްގެ” ވާހަކަ ދައްކަވައެވެ.

އިހަވަންދޫގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ މަސްގަނަ ފެކްޓަރީ އިމާރާތްކުރާނެ ބިމެއް ހަމަޖެއްސުމަށް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ އިން އިހަވަންދޫ ކައުންސިލްގައި އެދުނުގޮތަށް  ބިން ހަމަޖައްސަން އިހަވަންދޫ ކައުންސިލުންވަނީ އިންކާރު ކޮށްފައެވެ. އެއީ ސަރުކާރުގެ ބޭނުންތަކަށް ބިންދޫކުރުމުގައި ކައުންސިލުން ގެންގުޅޭ ކަމަށް ބުނާ “ސްޓޭންޑް” ގެ ދަށުން ކަމަށްވެއެވެ.  މީގެ އިތުރުން އިހަވަންދޫ ކައުންސިލުން ވަނީ ހޮސްޕިޓަލް އަޅަން މިނިސްޓްރީ އޮފް ހެލްތައް ދޫކޮށްފައިވާ ބިންވެސް، ކައުންސިލްގެ ނިންމުމެއް އަދި މިނިސްޓްރީ އޮފް ހެލްތެ ބަހެއްވެސްނެތި ކައުންސިލްގެ ނަމަށް ރަޖިސްޓްރީ ބަދަލު ކޮށްފައެވެ.