ބަނދަރު އަޕްގުރޭޑްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރިތާ 15 ދުވަސް ނުވަނީސް، އާނމުންގެ ރައްކާތެރިކަމަށް ސިޑި ބަންދުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާގަކުރިތާ 15 ދުވަސް ނުވަނީސް، ބަނދަރުގެ އިރުމަތިން ފެރީ ޓާމިނަލް ކުރިމަތިން ޕަސެންޖަރުންނަށް  ހާއްސަކޮށްފައިވާ ސިޑީގެ ކީވޯލް އަޑިއަށް ދާތީ، އެސިޑި ބަންދުކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން އެސިޑި ބަންދުކޮށްފައިވަނީ، އެސިޑި ގަނބައިގެންގޮސް އަރިވުމުގެ ސަބަބުން އެސިޑި ބޭނުންކުރާ ފަރާތްތަކަށް ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތްކަމަށް އެކައުންސިލަށް ޤަބޫލުކުރެވޭތީކަމަށް އިހަވަންދޫ ކައުންސިލުންބުނެއެވެ.

އިހަވަންދޫ ކައުންސިލުން ވަނީ ބަނދަރު ބޭނުންކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އެދިލައްވާފައެވެ. ފެރީ ޓާމިނަލް ސިޑި ބަންދުކުރުމުން މާދަމާއިން ފެށިގެން އަރާފޭބުމަށް ހާއްސަކުރެވިފައިވަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައިވާ ސިޑިކަމަށް އިހަވަންދޫ ކައުންސިލުން މައުލޫމާތުދެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ދާދިފަހުންވަނީ އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްކޮށްފައެވެ. 1 ޖޫން 2020 ގައި ފެށި 51.7 މިލިއަން ރުފިޔާގެ އެމަޝްރޫޢު ނިންމާފައިވަނީ 24 ސެޕްޓެމްބަރ 2022 ގައެވެ. ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާގަކޮށްފައިވަނީ މިދިޔަ ޖުލައި މަހު 19 ވަނަ ދުވަހު، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިހަވަންދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އިހަވަންދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ސްކޯޕްގެ ތެރޭގައި، ގަނބާތީ ބަންދުކޮށްފައިވާ ސިޑި ހިމޭނޭ ސަރަހައްދު މަރާމާތުކުރުން ހިމެނިފައެއް ނުވެއެވެ. ސިޑި ގަނބާކަން ފާހަގަކުރެވޭތާ މިހާރު އަހަރެއްހާ ދުވަސްވެފައިވާއިރު، ސިޑި ހިމެނޭ ސަރަހައްދުގެ ކީވޯލް މިހާރުވަނީ 11 ސެންޓިމީޓަރު ނުވަތަ 4.3 އިންޗި އަޑިއަށް ގޮސްފައެވެ.